ENGLISH

26 ޖުލައި 2026

Advertisement

ދުންފަތުގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެހީތެރިވެދޭ ފަރާތްތަކަށް ގައުމީ އިނާމު ދިނުމަށް ނިންމަވައިފި

26 ޖުލައި 2026

|

އާމިނަތު ނުޒްލާ

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ ނުރައްކާތެރި ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ހާއްސަ "ޤައުމީ އިނާމެއް" ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހި އުންމަތުގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފުދުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިނިވަން ދައުލަތަކަށް ހެދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. ވަކިން ހާއްސަކޮށް، އިޖުތިމާއީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒަމާނުއްސުރެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ބަރޯސާވާންޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމަށް (ޕްރިވެންޝަން) ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ މިކުރި މަސައްކަތަކީ، ޒުވާން ޖީލު ދުންފަތުގެ އަޅުވެތިކަމަށް ދިޔުމުގެ ކުރިން އެކަމުން ރައްކާތެރިކުރުމަށްޓަކައި 'ޖެނަރޭޝަނަލް ބޭން' އެއް ތައާރަފުކުރުން. އަދި މުޅި މުޖުތަމަޢު ވޭޕުގެ ނުރައްކަލުގެ ތެރެއަށް ޣަރަގުވަމުން ދަނިކޮށް، އެކަމުން ސަލާމަތްކުރުމަށްޓަކައި ވޭޕް މަނާކުރީ" ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަދަނީ ޖަމުއިއްޔާތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، މި ވަބާއިން އެންމެ ގިނަ މީހުން ސަލާމަތްކޮށްދޭ ފަރާތްތަކަށް އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ގައުމީ ފެންވަރުގެ އިނާމެއް ދޭން ފައްޓަވާނެ ކަމަށެވެ.

ރާއްޖޭގެ ބޭހުގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށް މި މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވި ނަމަވެސް، މި ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމާ" މެދުވެރިކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު