ENGLISH

26 ޖުލައި 2026

Advertisement

ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ހިފަހައްޓަނީ

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ބޭސްފިހާރައެއް.

ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ހިފެހެއްޓޭގޮތަށް ބޭހާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ޝާއިއުކުރި ގަވާއިދުގައި ބޭސް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، އުފެއްދުމާއި، ހަދިޔާކުރުމާއި، ވިއްކުމާއި، ލިޔެދިނުމާއި، ބޭހާއި ބޭސް ވިއްކާ ތަންތަން ނުވަތަ ބޭހުގެ މުޢާމަލާތުކުރާ ތަންތަން ރަޖިސްޓަރީކޮށް، އެ ތަންތަނަށް ހުއްދަ ދިނުމާއި، ބޭސް އުފުލައި ގެންގުޅުމުގެ ހުރިހާ މަރުޙަލާއެއްގައި ގުދަންކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ މަގުސަދަކީ އާންމުން ބޭނުންކުރާ ބޭސް، އެ ބޭހުގެ ސަބަބުން ކުރަންޖެހޭ އަސަރު އެންމެ އެދެވޭ ގޮތެއްގައި ކުރާ، ފެންވަރު ރަނގަޅު، އަދި ރައްކާތެރި ބޭސްކަމުގައި ކަށަވަރުކޮށްދިނުމާއި، ނަހަމަގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވުމާއި، ހުއްދަނޫން ގޮތުގައި ބޭހުގެ މުޢާމަލާތުކުރުން ހުއްޓުވުމާއި، އިންސާނުން ބޭނުންކުރުމަށް އެކަށީގެންނުވާ ބޭހާއި ކައުންޓަރފީޓް ބޭސް ރާއްޖެއަށް އިމްޕޯޓުވިޔަނުދިނުމެވެ. އަދި ބޭސް ވިއްކާ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އަސާސީ ބޭސް ބެހެއްޓުން ލާޒިމުކުރުވުމާއި، ބޭސް އިމްޕޯޓުކުރާ ފަރާތްތަކާއި، ބޭސް ވިއްކާ ފަރާތްތަކަށް ލައިސަންސް ދިނުމާއި، މި ފަދަ ތަންތަން ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި ފާސްކުރުމުގެ އިތުރަށް ބޭސް އުފައްދާ ތަންތަނަކީ ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސަސްގެ މިންގަނޑުތަކާ އެއްގޮތަށް ބޭސް އުފައްދާ ތަންތަންތޯ ކަށަވަރުކުރުން ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ގަވާއިދާ ހިލާފުވެއްޖެނަމަ، 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ބޭހެއް އެތެރެ ކުރި ފަރާތެއް ޖޫރިމަނާކޮށް، 14 ދުވަހަށް އެފަރާތެއް ހުއްދަ ހިފަހައްޓާނެއެވެ. އަދި ބޭސް ރަޖިސްޓްރީ ކުރަން ދޮގު މައުލޫމާތެއް ދީފައިވާނަމަ އެ ކުންފުންޏެއް "ބްލެކްލިސްޓް" ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މިގޮތަށް "ބްލެކްލިސްޓް" ކުރާ ކުންފުނިތަކުން ހިދުމަތް ފަށަން އަލުން ރަޖިސްޓްރީ ކުރަން ހުށަހެޅޭނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހުއެވެ.

ބޭސް ވިއްކުމަަށް ދޫކުރި ހުއްދަ ބާތިލުވާނީ ގަވައިދާ ހިލާފަށް ބޭހާ ގުޅޭ އެކިއެކި މުއާމަލާތްތައް ކުރާ ފަރާތްތަކާއި ފޯރުކޮށްދޭ ބޭހަކީ އާންމު ސިއްހަތަށް ރައްކާތެރި ބޭހެއް ކަމުގައި ނުވާނަމަ އާއި ފާމަސީ ރަޖިސްޓްރީކުރުމަށްފަހު ހިދުމަތް ނުފަށާ ހަ މަސް ދުވަސްވުން، ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަހު، ފާމަސީ ނުހިންގާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވުމުންކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ބޭސް ބަހައްޓާފައި ހުރި ތަނުގެ ސާފުތާރިހުކަން ކުޑަވެ، އޭގެ ސަބަބުން ތަނުގައި ހުރި ބޭސްތަކުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދުމާއި ބޭސް ދޫކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބޭސް ފިހާރައިގައި އެއްވެސް މުއާމަލާތެއްކޮށްފިނަމަ ވެސް ހުއްދަ ބާތިލުވެގެން ދާނެއެވެ.

މި ގަވައިދުގެ ދަށުން އަމިއްލަ ބޭނުމަށް ބޭސް އެތެރެ ކުރެވޭނީ ގިނަ ވެގެން 3 މަސް ދުވަހަށެވެ. ނަމަވެސް ބަލި މީހާގެ މެޑިކަލް ރެކޯޑުތައް ހުށަހަޅައިގެން 6 މަސް ދުވަހަށް ބޭސް އެތެރެ ކުރެވޭނެއެވެ. 

މި ގަވާއިދު ތަންފީޒުކުރާނީ، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. 

ކިޔުންތެރިންގެ ހިޔާލު