ENGLISH

26 ޖުލައި 2026

Advertisement

ބަޔަކު ގަސްތުގައި އުފެއްދި ބޭހުގެ ދަތިކަން ވަރަށް އަވަހަށް ހައްލުކޮށްދޭނަން: ރައީސް

26 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ބޭހުގެ ދަތިކަމުގެ މައްސަލައަކީ ބަޔަކު ގަސްތުގައި އުފެއްދި މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވުމާއެކު، އެ މައްސަލަ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ ބޭސް ދެހާސް އިންސައްތައިގެ ފައިދާއާއެކު ވިއްކަމުންދިޔަކަން ފާހަގަކުރެއްވުނު ކަމަށެވެ. އަދި އެ ބޭސް ގަތުމަށް އާސަންދައިން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރަމުންއައި ކަމަށްވެސް ވިދާޅުވިއެވެ. 

އެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އާސަންދައިން ބޭސް ގަންނާނެ އެންމެ ބޮޑު އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސްއެއް ސަރުކާރުން ކަނޑައެޅި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސިޔާސަތަު ތަންފީޒުކުރަން ފެށުމުން ރައްޔިތުންގެ ފައިސާއިން އަހަރެއްގެ މައްޗަށް 500 މިލިއަން ރުފިޔާ ސަލާމަތްކުރެވުނެވެ. 

"އެނގިލައްވާތޯ އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން އާސަންދައިގެ ތެރެއިން ބޭހުގެ ބާވަތްތަކަށް 2،000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއް ބައެއް ބޭސްތަކުން އަމިއްލަ ފަރާތްތަކުން ނަގަމުންދިޔައީ، މި މާފިއާއިން. މިވޭސްޓޭޖު، މިލީކޭޖު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިމުމަކަަށް ގެނައީ. 500 އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭ ކޮންމެ އަހަރަކު. އޭގެ ރިޕަރިކޭޝަނެއްގެ ގޮތުގައި ގަސްތުގައި ރައްޔިތުން ހާލުގައި ޖެއްސަން ކުރަމުންއައި ކަންތައްތަކުގެ ސަބަބުން ބޭހުގެ ދަތިކަން އައީ،" ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގައި އޮތީ ބޭހުގެ ދާއިރާގެ މާފިއާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވ ސަރުކާރުން އާސަންދައިގެ ތެރެއިން ބޭކާރުވަމުންދާ ފައިސާގެ އަދަދު މަދުކުރުމަށް ފިޔަވަޅުތައް އަޅަންފެށުމުން އެކަމުގެ ބަދަލުހިފުމަށް ބޭހުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުން ބައެއް ފިޔަވަޅުތައް އެޅި ކަމަށެވެ. 

ބޭހުގެ މާފިއާއިން ކުރަމުންދާ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރެއްވުމަށް ސްޓޭޓް ފާމާގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދެތިން މަހެއްހައި ދުވަސް ތެރޭ މައްސަލަ ހައްލު ހޯދައިދެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު