ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީގެ ވިސްނުމުގައި އަދިވެސް ހުރީ އިވެލުއޭޓް ކުރުމެއްނެތި ހިތުހުރި ގޮތަކަށް ބޭނުން ބަޔަކަށް ފްލެޓު ދޭންތަ؟

09 މާރިޗު 2025

|

ޝާމަ ޝުޢައިބު

ފޮޓޯ: އެމްއެމްޓީވީ

"ޤަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން... އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން."

މިއީ ފާއިތުވި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވި ވާހަކަތަކެކެވެ. 

މިއަދު އެމްޑީޕީން އެއްއަހަރު ދުވަސް ފަހުން ނެރުނު ފްލެޓް ލިސްޓުގައި އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ ބޮޑެތި ޕްރެސް ކޮންފަރެންސްތައް ބާއްވަމުންދާއިރު ހަނދާނަށް ގެންނަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވަނީ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައިކަމެވެ. 

މިކަމާ ގުޅިގެން އޭރު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވީ ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބޭފުޅުންނަށް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ. ބޯހިޔާވެހިކަމަށްޓަކައި އެޅި ހުރިހާ ފްލެޓްތައް ނޫފުޒާއި ބާރާއި ސިޔާސީ ފަރާތްތަކުގެ މަސްލަހަތަށްޓަކައި އެކި މީހުންނަށް ބަހާލި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރީ ވެސް މިއަދު ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ނިކުމެގެން އުޅޭ އެމްޑީޕީއަށެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ލިސްޓާމެދު ކަންބޮޑުވުންފާޅުކުރަން ކަމަށް ބުނެ އިއްޔެ ބޭއްވި އެ 'ވަރުގަދަ' ނޫސް ކޮންފަރެންސްގައި ވެސް އެމްޑީޕީން ނިކަން ބާރުލާފައި ދެއްކީ ވަކި ބަޔަކަށް އިވެލުއޭޓް ކުރުމެއްވެސް ނެތި ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭނެ ވާހަކައެވެ. އެގޮތުން އެ ބައްދަލުވުމުގައި އެމްޑީޕީން ބުނީ މިހާރު ޑިސްކޮލިފައި ކޮށްފައިވާ ފަރާތްތަކަށް ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އަޅާ ހައުސިންގ ސްކީމެއްގައި ފްލެޓް ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޖަވާބު ވަރަށް ވެސް ސާފެވެ. 

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ގާނޫނެއްގެ ތެރެއިން ގަވާއިދުތައް ހެދިގެން ކަމަށް ސަރުކާރުން ބުނެފައިވާއިރު އެމްޑީޕީގެ އެ ބަސްތަކަށް ރައްދުދީ ސަރުކާރުން ބުނީ ގާނޫނާއި ގަވާއިދުތައް ހެދިގެންދާނީ އިވެލުއޭޓް ކުރާ ފަރާތްތަކުން ހިތުހުރި ގޮތަކަށް ޢަމަލު ނުކުރެވޭނެ ގޮތަށް ކަމަށެވެ. 

މީގެ އިތުރުން ވެސް އެމްޑީޕީން ވަނީ ސަރުކާރުން ނުހަނު ހާމަކަންބޮޑުކޮށް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތާ ގުޅުވާ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ މޭރުމުން ތަފާތުއެކިއެކި ތުހުމަތު ކޮށްފައެވެ. އެ ޕާޓީން ބުނީ ކައުންސިލުގެ ލިޔުމެއް ލާފަ އޮތަތީވެ، ހަމައެކަނި އެ ފަރާތް ޑިސްކޮލިފައި ކުރުމަކީ އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ. އަދި ކައުންސިލްތަކުން ދޫކޮށްފައިވާ އެންމެ ގިނަ ލިޔުން ހުރީ މިހާރުގެ ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ އޭރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކަމަށެވެ. 

ނަމަވެސް މީގެ ޖަވާބުވެސް ރައްޔިތުންނަށް ނުހަނު ސާފެވެ. ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެތެރޭގައި ފާހަގަ ކުރެވިފައިވަނީ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށް ސަރުކާރުން ތަކުރާރުކޮށް ފާހަގަކޮށްފައިވާއިރު ސަރުކާރުުން ބުނީ މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. 

އެ ކޮންފަރެންސްގައި އެމްޑީޕީން ބުނީ މުޅިން އާ އުސޫލަކުން ނުވަތަ މިންގަނޑަކުން މިފޯމުތައް ބަލައި ބަޔަކު ޑިސްކޮލިފައި ކުރުމުގެ ގާނޫނީ ހައްގެއް ސަރުކާރަށް ނޯންނާނެ ކަމަށާއި އެކަން ކޮށްފައިވާއިރު އޭގެ ބޭނުމަކީ ވަކި އަދަދެއްގެ ބަޔަކު ޑިސްކޮލިފައި ކުރުން ކަމަށެވެ. 

މިއީ ވެސް ކަނޑައެޅިގެން ދޮގެއްކަން އެނގެނީ އެކަމާގުޅޭ އާ އުޞޫލެއް ހަދާފައިނުވާތީއެވެ. އަދި ވެރިފިކޭޝަންގައި ގެދޮވެރިން ކޮމިޓީގެ ގައިޑްލައިންގައިވާ ކަންކަމަށް ބަލާފައިވާތީއެވެ. މީގެ އިތުރުން ބައެއްކަންކަން އޭގައިވާ މިންވަރަށް ވުރެ ލުއިކޮށް ބަލާފައިވާއިރު އެ ލުއިތައް އާންމުކޮށް އިއުލާނުވެސް ކޮށްފައިވެއެވެ. 

ދެން އޮތީ 2023 ވަނަ އަހަރުގެ ޓްރާންސިޝަން މަރުހަލާގައި ހުރިހާ ކަމެއް ހޭންޑްއޯވާ ކޮށްފައިވާ ކަމަށް ބުނެ ދެއްކި ދޮގުވާހަކައެވެ. ގެދޮރުވެރިޔާ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް ހޭންޑްއޯވަރ ކޮށްފައި ނުވާކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް، ކަންބޮޑުވުމާއެކު ސަރުކާރުން ބުނެފައިވެއެވެ. އޭރުވެސް ސަރުކާރުން ބުނަމުން ދިޔައީ ޓްރާންސިޝަންގައި މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ވެރިކަން ބަދަލުވުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ލިސްޓު ނެރެ، އެ ފަރާތްތަކާއެކު އެއް ސަފުހާގެ އެއްބަސްވުމެއްގައި ސޮއިކުރުވާ ހެދީ އެކަން އެގޮތަށް ނުކުރުމަށް އެދިފައިވަނިކޮށް ކަމަށެވެ. 

ކޮންމެއަކަސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި ނުވަތަ ވަކި ބައެއްގެ ބާރާއި ނުފޫޒު ނުގަވާއިދުން ބޭނުންކުރުމުގެ ނިޔަތުގައި އެމްޑީޕީން އަނެއްކާވެސް ބަޔަކަށް އުސޫލެއް ގަވާއިދެއް ނެތި ފްލެޓްތަކެއް ދޭން އުޅޭ ކަމެވެ. އެފަދަ މޭރުމަކުން އިއްޔެ އެވަނީ ވާހަކަވެސް ދައްކާފައެވެ. ޝަރުތު ހަމަވިޔަސް، ނުވިޔަސް ޑިސްކޮލިފައިވާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ދޭހަވާ މޭރުމުން އެ ވާހަކަދެއްކީ ހަމަ އެ އިންސާފަށް ލޯބިކުރާ އެމްޑީޕީންނެވެ. 

ނުހަނު ބޮޑަށް ޕްރޮމޯޓްކުރި އެތައް ހާސް އާއިލާތަކަކަށް ލުޔެއް ހޯދައިދިނުމަށް އަމާޒުކުރެވުނު ކަމަށް ބުނި ގެދޮރުވެރިކަމުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު، އެންމެ ފަހުން ބަދަލުވީ ވަކި ބަޔަކަށް މަންފާކުރި ކޮރަޕްޝަނުގެ ވިއުގަޔަކަށެވެ. އެމްޑީޕީ ސަރުކާރަށް މިކަން ރަނގަޅަށް ކުރުމަށް ވަގުތާއި ވަސީލަތްތައް ލިބުނެވެ. އެކަން ޚުދު އެ ޕާޓީން ވެސް ގަބޫލުކުރެއެވެ. 

ވީއިރު އަނެއްކާ މިއަދު އަނެއްބަޔަކަށް ފްލެޓްތަކެއް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އުއްމީދުތަކާ ކުޅެމުންދަނީ ރައްޔިތުން އިތުރު ދަންތުރައެއްގައި ޖެއްސުމަށް ކަމަށް ގިނަ ބަޔަކު މިއަދު އަންނަނީ ބުނަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު