ENGLISH
21 އޭޕްރީލު 2025
އެމްޑީޕީގެ "ގެދޮރުވެރިޔާ" ޕްރެސް؛ އޮޅުވައިލުންތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް
08 މާރިޗު 2025
|
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ބައެއް ފުލެޓުތައް، ފޮޓޯ: މިހާރު
އެމްޑީޕީ ސަރުކާރުން އަޅަން ފެށި 4،000 ހައުސިން ޔުނިޓު "ގެދޮރުވެރިޔާ"ގެ ނަމުގައި ހިންގި ސްކީމެއްގެ ތެރެއިން ދޫކުރި އުސޫލާ ގުޅޭ ގޮތުން އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔުނިޓުތައް ދޫކުރުމުގެ މުޅި މުއާމަލާތް ހިނގި ގޮތާއި އުސޫލު އޮތް ގޮތް އޮޅުވައިލުމަށް އެ ޕާޓީން މަސައްކަތްކޮށްފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް މުހައްމަދު މައުރޫފު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގެދޮރުވެރިޔާ ސްކީމުގެ އުސޫލުގެ ދަށުން މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދިނުމަކީ ފުލެޓަށް އެދޭ ފަރާތުން ކުރަންޖެހޭ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ބަލަމުންއައީ 15 އަހަރު މާލޭގައި ދިރިނޫޅޭކަން ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް މާލޭގައި އެ މުއްދަތުގައި ދިރިއުޅު ފަރާތެއް ކަމުގައެވެ.
ނަމަވެސް ހައުސިން މިނިސްޓްރީގައި ކުރިން އަދި މިހާރުވެސް މަސައްކަތްކުރައްވާ ސިވިލް ސާވިސް މުވައްޒަފުން "އެމްއެމްޓީވީ"އަށް ވިދާޅުވެދެއްވި ގޮތުގައި އެއިރުވެސް މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމަށް ބެލީ ފުލެޓަށް އެދުނު ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތަކަށެވެ. ފުރަތަމަ ވަގުތީ ލިސްޓު ނެރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމާއެކު، ކުރިން ހުށަހެޅިދާނެކަމަށް ބުނެފައިވާ ލިޔުންތައް ފިޔަވައި އިތުރު ލިޔުންތައްވެސް ބަލައިގަންނަން ނިންމީ ލިޔުންތަކަށް ބިނާކޮށް ޝަރުތު ފުރިހަމަވާކަމަށް ކަނޑައެޅުމަށް ކަމުގައި އެ މުވައްޒަފުން ބުނެފައިވެއެވެ.
މާލޭގެ ރަށްވެއްސަކު މާލެ ނޫން ތަނެއްގައި ދިރިއުޅުނުކަން އެނގެން ނެތްނަމަ އެ ފަރާތެއް މާލޭގައި 15 އަހަރު ދިރިއުޅުނުކަމުގައި ބަލާނެ ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ. ނަމަވެސް "ގެދޮރުވެރިޔާ" ސްކީމު ހިންގުމަށް އެކުލަވައިލި "ގެދޮރުވެރިޔާ ކޮމިޓީ"ގެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރުނުވާ ފަރާތެއްނަމަ، އެފަރާތަކީ މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތެއްކަން ކަނޑައަޅާނީ ވެރިފެކޭޝަން މަރުހަލާގައެވެ. މާނައަކީ ލިޔެކިޔުންތަކަށް ބަލައިގެންނެވެ.
އޭގެ އިތުރަށް ކޮމިޓީގެ ގައިޑްލައިނުގައި ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހަޅާ މީހުން މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމުަގއި ބަލާނެ ލިޔެކިޔުންތައްވަނީ ކަނޑައަޅާފައެވެ. އެއީ ވަޒީފާއާ ގުޅޭ ލިޔުންތަކާއި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި 15 އަހަރު ދުވަހު ވަޒީފާއެއް އަދާކުރިކަން އެނގޭނެ ލިޔުމެއް، އެޕްލިކެންޓު މާލޭގެ އިންސްޓިޓޫޓެއްގައި ތައުލީމު ހާސިލުކުރިކަން އެނގޭނެ ލިޔުމެއް ނުވަތަ ކައިވެންޏަށްފަހު އަނބިމީހާ/ ފިރިމީހާ މާލޭގެ އިންސްޓިޓޫޓެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އެނގޭނެ ލިޔުމެއް އަދި ޕެންޝަން މައުލޫމާތާއި ރަށްވެހިކަމުގެ މައުލޫމާތު އެނގޭނެ ލިޔުންތަކެވެ.
މި ލިޔުންތައް ފިޔަވައި އިތުރު ލިޔުމެއް ބަލައިގަންނާނެކަން އިއުލާނުކޮށްފައިނުވާއިރު، އިތުރު ލިޔުންތަކެއް ބަލައިގަނެވޭ ގޮތަށް ކޮމިޓީގެ ގައިޑްލައިންވެސް އިސްލާހުކޮށްފައިނުވެއެވެ.
އޭގެ އިތުރަށް ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި ފަރާތްތައް މާލޭގައި ދިރިއުޅުނުކަން ސާބިތުކުރުމަށް އެންމެ ގިނައިން ލިޔުން ދޫކުރީ މާލޭ ސިޓީ ކައުންސިލުންކަމަށް ވިދާޅުވެ މައުރޫފު ހެއްދެވީވެސް ކަނޑައެޅިގެން އިތުރުފުޅެކެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި އެފަދަ ލިޔުމެއް ސިޓީ ކައުންސިލުން ދޫކޮށްފައިނުވެއެވެ. އެ ސްކީމަށް ކުރިމަތިލި ފަރާތްތަކުން ހުށަހަޅާފައިވަނީ މުޅިންވެސް ރަށު ކައުންސިލުތަކުން ދީފައި ހުރި ލިޔުންތަކެވެ.
މިއީ މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން މިއަދު ދައްކާފައިވާ ވާހަކަތަކުގެ ބައިކުޅަ ބައެކެވެ. ހައްތާވެސް ހުރީ މިފަދަ ދެކޮޅުނުޖެހޭ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތަކެވެ.