ENGLISH

21 އޭޕްރީލު 2025

Advertisement

ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ރާއްޖޭން އަބަދުވެސް އެއްބާރުލުން ދޭނެ: ޑރ. ޚަލީލް

08 މާރިޗު 2025

|

ޢަލީ ޝަހީމް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގެ ތެރެއިން. ފޮޓޯ: އޯއައިސީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ދެއްވައިފިއެވެ. 

ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި ސެޝަންގައި ކުރެއްވި ތަޤްރީރުގައި، ފަލަސްތީނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވަނީ، ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައެްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ތަޤްރީރުގައި ވަނީ ގޮވާލައްވާފައެވެ. އަދި އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް ހާމަކުރެއްވިއެވެ. 

ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ. 

ފަލަސްތީނުގެ ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޙައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާ، އޯއައިސީގައި 57 މެމްބަރު ޤައުމު ހިމެނޭއިރު، ރާއްޖޭން އަންނަނީ 1976 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު