ENGLISH

21 އޭޕްރީލު 2025

Advertisement

އަންހެނުންގެ ދުވަހެއް ފާހަގަކުރާއިރު، އެކި ދާއިރާތަކުން ދިވެހި އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ

08 މާރިޗު 2025

|

ޝާމަ ޝުޢައިބު

އެކި ދާއިރާތަކުން ދިވެހި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ އެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރާ ބެހޭގޮތުން އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ވާހަކަދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރާއިރު އަދިވެސް ވަރަށް ގިނަ ދާއިރާތަކުން އަންހެނުން ބާރުވެރިކުރަން ޖެހޭކަމަށާއި އެކި ދާއިރާތަކުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. 

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވަނީ އެކި ދާއިރާތަކުން ދިވެހި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ އެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރާ ބެހޭގޮތުން އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ވާހަކަދައްކަވާފައެވެ. 

މި ޑިސްކަޝަންގައި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ދަތިތަކާ ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ މަޓާޓޯއިން އަބަދުވެސް ދައްކާ އެއްވާހަކަ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުން މަސައްކަތް ކުރާ މިންވަރު މަދުކަމުގެ ވާހަކަ ކަމަށެވެ.

އެގޮތުން މި ސިނާއަތުގައި މަސައްކަތް ކުރަނީ ފަސް އިންސައްތަ އަންހެނުން ނުވަތަ އެއަށް ވުރެވެސް މަދު އިންސައްތައެއްކަން ސޫޒަން ފާހަގަކުރެއްވިއެވެ. ސޫޒަން ވިދާޅުވީ ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު މި ސިނާއަތުގައި އަންހެނުން މަސައްކަތް ކުރާ މިންވަރު ފުދޭވަރަކަށް އިތުރު ކަމަށެވެ.

އޭނާ ވިދާޅުވީ އޭޝިއާ ޕެސިފިކް ރީޖަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ 55 އިންސައްތައަކީ އަންހެނުން ނަމަވެސް ލީޑާޝިޕް ނުވަތަ ޑިޒިޝަން މޭކިންގ ލެވެލްގައި މަސައްކަތް ކުރަނީ ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށެވެ. 

މި ދާއިރާގައި އަންހެނުން މަސައްކަތްކުރާ މިންވަރު މަދުވާ އެންމެ ބޮޑު އެއް ސަބަބަކީ އެކަމާ މެދު މީހުންގެ ނަޒަރިއްޔާތުކަން ފާހަގަކުރައްވާ ސޫޒަން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރާ މަސައްކަތަކީ އަންހެނުން ކުރާ ކަހަަލަ މަސައްކަތެއް ނޫން ކަހަލަ ގޮތަކަށް ސިފަވާ މޭރުމުން ގިނަ ބަޔަކު ދައްކާ ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މި ސިނާއަތުގައި މަސައްކަތް ކުރަން ޖެހިލުންވާ ކަމަށެވެ. 

"ފަތުރުވެރިކަމުގެ ދާއިރާއަށް މި ކޮންޓްރިބިއުޓް ކުރެވެނީ ހަމައެކަނި ރިސޯޓުތަކުގައި މަސައްކަތް ކޮށްގެން އެކަންޏެއް ނޫން. މިސާލަކަށް ޓްރެވަލް ދާއިރާވިއަސް ނުވަތަ އެއްޗެއް ހަދާފައި ރިސޯޓަކަށް ގޮސް ވިއްކާލި ކަމުގައި ވިޔަސް، އާޓިސްޓެއް ވިޔަސް، މިއުޒިޝަނެއް ވިޔަސް، ހަމަ ބައިވަރު ކަންތައް ކޮށްގެން ފަތުރުވެރިކަމުގެ ތެރޭގައޭ ތިމަންނަ މަސައްކަތް ކުރަނީ ހަމަ ބުނެވޭނެ،" - މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން

ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އައިމިނަތު ޝިރާނީ ވިދާޅުވީ އިޖްތިމާއީ ދާއިރާ ނުވަތަ އާއިލީ ކަންކަމާ ގުޅޭ މަސައްކަތްތަކަކީ ވެސް ވަރަށް ފުޅާ، ވަރަށް ގިނަ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެކަން ގިނަބަޔަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޝިރާނީ ވިދާޅުވީ އިޖުތިމާޢީ ދާއިރާ ގިނަ ފަހަރަށް މި ގުޅުވެނީ ސޯޝަލް ވޯކަރުންނާ ކަމަށެވެ. އެހެންކަމުން މައްސަލަތަކުގެ ހައްސާސްކަމާ، ހޭދަކުރަންޖެހޭ ވަގުތާއި މީޑިއާގައި މިފަދަ ކަންކަމަށް ލިބޭ ސަމާލުކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އިޖްތިމާއީ މަސައްކަތުގެ ދާއިރާގައި މަސައްކަތް ކުރުމަށް ފަސްޖެހޭ ކަމަށެވެ. 

"އިޖްތިމާއީ ދާއިރާއަކީ ހަމައެކަނި ސޯޝަލް ވޯކް ކުރުމެއް ނޫން. މީގަ ހަމަ ލޯޔަރުންނަށް ވެސް މަސައްކަތް ކުރެވޭނެ. އެވެއަރނެސް ކްރިއޭޓްކުރަން ޓްރެއިނިންގ ޕްރޮގްރާމްސްތައް ހިންގަން ބޭނުންވާ މީހުންނަށް ވެސް މަސައްކަތް ކުރެވޭނެ. ލޯ އެންފޯސްމަންޓަކީ ވެސް މިއާ ގުޅުންހުރި ދާއިރާއެއް. ހެލްތުގެ ދާއިރާގައި ހިމެނޭ ނަރުހުންނާ، ސައިކޭޓްރިސްޓުންނާ ޑޮކްޓަރުން އަދި ޓްރޯމާ އިންސިޑެންޓް ހަދާފަ ތިބޭ ފަސްޓް ރެސްޕޮންޑާސް ވެސް. އަސްލު އިޖުތިމާއީ ދާއިރާއަކީ ވަރަށް ބައިވަރު ވަޒީފާތަކެއް ހުރި ދާއިރާއެއް،" - ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އައިމިނަތު ޝިރާނީ

މި ޕެނަލް ޑިސްކަޝަންގައި ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ އެންޖީއޯތަކަށް ފާހަގަވާ ކަންކަމުގެ ވާހަކަތައް ވެސް ކަމާގުޅޭ ބޭފުޅުން ދައްކަވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު