ENGLISH
21 އޭޕްރީލު 2025
އެމްޑީޕީ އަތުގައި ސަރުކާރު އޮންނައިރު ދައްކާ ވާހަކައާއި، ސަރުކާރު ބީވީމަ ދައްކާ ވާހަކައާ ތަފާތު: މަމްދޫޙު
08 މާރިޗު 2025
|
ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް-- ފޮޓޯ: އެމްއެމްޓީވީ
އެމްޑީޕީ އަތުގައި ސަރުކާރު އޮންނައިރު ދައްކާ ވާހަކަ އާއި، އެބޭފުޅުން އަތުން ސަރުކާރު ބީވީމަ ދައްކާ ވާހަކައާއި މުޅިން ތަފާތުކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
މަމްދޫޙް މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި އެންޓި ޑިފެކްޝަން ޤާނޫނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މަމްދޫޙް ވިދާޅުވީ މި ޤާނޫނުގެ މަސައްކަތް 18 ވަނަ މަޖިލީހުން ވެސް އަދި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވެސް ކޮށްފައިވާ ކަމަށެވެ. އަދި 19 ވަނަ މަޖިލީހުން އޭރު ބުނަމުންދިޔައީ ރައްޔިތުންގެ މަންދޫބުން ތިބެންޖެހޭނީ ރައްޔިތުން އެމީހުން މަޖިލީހަށް ހޮވިއިރު ތިބި ގޮތަށް ކަމަށާއި، މަޖިލީހަކީ "ޓްރާންސްފަރ މާކެޓަކަށް" ވެގެން ނުވާނެ ކަމަށް، ކަމަށެވެ.
"ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް ފެންނާނެ އެމްޑީޕީން އެބޭފުޅުންގެ ސަރުކާރެއް އޮންނަ އިރު، ނުވަތަ އެބޭފުޅުންނަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އިރު ދައްކާ ވާހަކަ އާއި މިއަދު އެބޭފުޅުން އަތުން ސަރުކާރު ބީވެ، ރައްޔިތުން އެބޭފުޅުން ސަރުކާރުން ބޭރުކުރީމަ ދައްކާ ވާހަކައާއި ހަގީގަތުގަ މިއޮންނަނީ ތަފާތުވެފަ. އެބޭފުޅުން އޭރު ގަބޫލުކުރި ގަބޫލުކުރުން މިއަދު ތަފާތުވެއްޖެ،" މަމްދޫޙް ވިދާޅުވިއެވެ.
މަމްދޫޙް އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީއަށް މިގެނެވުނު އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ 78 މެމްބަރުންގެ ވޯޓާއެކު ގެނެވުނު އިސްލާހެއް ކަމަށާއި މިއީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ. އަދި ރައްޔިތުންގެ މި ނިންމުމުގެ ތެރެއަށް ޖުޑީޝަރީން ވަންނަން ޖެހޭ އެއްވެސް ހާލަތެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ގާނޫނީ ބޭފުޅުން ވެސް އޭރު ދައްކަވަމުން އައި ވާހަކަތައް މިހާރު ބަދަލުވެފައިވާކަން މަމްދޫޙް ފާހަގަކުރެއްވިއެވެ. އެގޮތުން މަމްދޫޙް ވިދާޅުވީ، އޭރު ގާނޫނީ ބޭފުޅުން ވިދާޅުވަމުން އައީ، އެންޓި ޑިފެކްޝަން ޤާނޫނު އޭރު އޮތްގޮތުން ޤާނޫނީ ހުސްކަމެއް އައިސްފައިވާ ކަމަށާއި، ޤާނޫނަށް އިސްލާހު ގެނެވެންވާނީ މިހާރު އިސްލާހު ގެނެވިގެން މިދިޔަ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު އެބޭފުޅުންގެ ވާހަކަތައް ވެސް މުޅިން ބަދަލުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް މި މައްސަލައިގެ ތެރެއަށް ވަދެވޭނެތޯ އުފެދިފައިވާ ސުވާލަށް ޖަވާބު ދެއްވަމުން މަމްދޫޙް ވިދާޅުވީ، އެ ފުރުސަތު ދީފިނަމަ އެހުޅުވެނީ ވަރަށް ގޯސް ދޮރެއް ކަމުގައެވެ. އަދި މަޖިލީހުގައި ކޮންމެ ކަހަލަ ނިންމުމެއް ނިންމިކަމުގައިވީ ނަމަވެސް ސުޕްރީމް ކޯޓުން އެކަމުގެ ތެރެއަށް ވަދެ، އެކަން ހުއްޓުވުމަށް ހުޅުވައިދެވޭ ދޮރެއް ކަމަށެވެ.
"ސުޕްރީމް ކޯޓުން މިފަދަ މައްސަލަތަކުގެ ތެރެއަށް އަދި ސިޔާސީ މިފަދަ މައްސަލަތަކުގެ ތެރެއަށް ވަންނަކަމުގަ ވަންޏާ، ހަގީގަތުގައި އަޅުގަނޑުމެންނަށް އެފުރުސަތު ދީފިކަމުގައި ވަންޏާ، އަދި އެގޮތަށް، އެމަގުން އެބޭފުޅުން މިކަހަލަ މިފަދަ ނިންމުންތަކުގެ ތެރެއަށް ވަންނަ ކަމުގައި ވަންޏާ އަޅުގަނޑުމެންނަށް ހަގީގަތުގައި އެ ހުޅުވާލެވެނީ ވަރަށް ގޯސް ދޮރެއް. ކުރިއަށް އޮތް ތަނުގައި ހަމަ ކޮންމެ ކަމެއް ރައްޔިތުންގެ މަޖިލީހުން ނިންމީމަ ސުޕްރީމް ކޯޓުން ހަމަ އަނެއްކާވެސް ކޮންމެކަހަލަ ނިންމުމެއް ނިންމިއަސް ހަމައެކަމުގެ ތެރެއަށް ވަދެ އެކަމެއް ހުއްޓުވުމުގެ ބާރެއް ހަގީގަތުގަ ނޫނީ ދޮރެއް، ގޯސް ދޮރެއް ހަގީގަތުގަ މިކަން މިމަގުން ދާން ދޫކޮށްލައިފިކަމުގައި ވަންޏާ ހުޅުވިގެން އެދަނީ" މަމްދޫޙް ވިދާޅުވިއެވެ.