ENGLISH
21 އޭޕްރީލު 2025
މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމުގެ މިނިސްޓްރީން ފަށައިފި
08 މާރިޗު 2025
|
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު، މަސައްކަތްކުރާ ސަރަޙައްދަށް ވަޑައިގަތުން. ފޮޓޯ: ސިޓީސް މިނިސްޓްރީ
މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
އެ ވުޒާރާއިން ބުނީ، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 9:30 ގައި ކަމަށެވެ. މަސައްކަތް އެންމެ ފުރަތަމަ ފެށީ މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
ހަރަކާތް ފެށުމާއެކު، މަސައްކަތް ބައްލަވާލެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ އެސަރަޙައްދަށް ވަޑައިގެންފައެވެ.
އެ ވުޒާރާއިން ބުނީ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމުގެ ބޮޑު ހަރަކާތް ފެށީ، ވާރޭ ވެހިއްޖެނަމަ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ކަމަށެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫތައް ކުރިމަތިވާ ކަމަށާއި، ސިފައިންނާއި، ފުލުހުން އަދި އެ ވުޒާރާއިން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ ބުނެފައިވެއެވެ.
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށާނެކަމަށް، ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ފެށި ހަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.