ENGLISH

21 އޭޕްރީލު 2025

Advertisement

މިންތީގެ ހަމަހަމަ ކަމަށް ފެށި ދަތުރު، މުހިއްމު މައިދާންތަކުގައި އަންހެނުން ފިޔަޖަހަނީ

08 މާރިޗު 2025

|

ޝާމަ ޝުޢައިބު

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމު.

ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު އަންހެން މަސައްކަތްތެރީން ފެށީ އޭރު ދުނިޔޭގައި ވެރިކަން ކުރަމުންދިއަ ބާރުތަކުގެ ވިސްނުމަށް އިންގިލާބެއް ގެނުވި މަސައްކަތެކެވެ. އެގޮތުން އަންހެނުންނަށް އޭރު ހަނިކޮށްފައިވާ އަދި މަހުރޫމް ކޮށްފައިވާ ހައްގުތައް ހޯދުމަށް އެ މަސައްކަތްތެރީން ނިކުމެ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ 1909 ވަނަ އަހަރު އެމެރިކާގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަހެއް ފާހަގަކުރުމެވެ.

އެއަށްފަހު 1910 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ސޯޝަލިސްޓް ކޮންފަރެންސެއްގައި އަންހެނުންގެ ހައްގުތަކަށް ބައިނަލްއަގުވާމީ ދުވަހެއް ކަނޑައެޅުމުގެ ވިސްނުން ހުށަހެޅިގެންދިޔައިރު ފުރަތަމަ ފަހަރަށް ރަސްމީގޮތެއްގައި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރަން ފެށީ 1911 ވަނަ އަހަރު ޔޫރަޕްގެ ބައެއް ގައުމުތަކުގައެވެ. އެއީ އަންހެނުން ވޯޓުލުމުގެ ހައްގާއި ހަމަހަމަ އުޖޫރަ އާއި ވަޒީފާގެ ހަމަހަމަކަމަށް ގޮވާލަމުންނެވެ. އެ ހަރަކާތްތައް އެކި ގައުމުތަކަށް ފެތުރެމުން އައިސް، އދ. މަޖިލީހުން އެ ދުވަސް ފާހަގަކުރަން ފެށީ، 1975 ވަނަ އަހަރުއެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ދިވެހި ތާރީޚުން ވެސް ފެނިގެންދަނީ ދިވެހި އަންހެނުންގެ ހީވާގިކަމާ، ގެވެހިކަމާ، މަސައްކަތްތެރިކަމުގެ އިތުރުން ގައުމު ބިނާ ކުރުމާ، ގައުމު ކުރިއެރުވުމަށް ކުރި ބުރަ، އަދި މިންނެތް މަސައްކަތްތަކެވެ. އެއީ މިގައުމު ގައުމަކަށް ހަދައިދިން މީހުންނެވެ. "މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެޔަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" އަންހެނުންގެ ވާހަކައިން ފެށިގެންގޮސް، "އުދަރެހުން އަލި ވިލޭއިރު، ބޮލި ހިލުމުގައި ފަރު މަތީ، ހެލިފެލިވަމުން އެދާ، ނަލަ ދިވެހި އަންހެނުންގެ ވާހަކަ" އެންމެން ވެސް އަޑުއަހައިފިއެވެ. ނަމަވެސް އުފެދޭ ސުވާލަަކީ އެމީހުންނަށް ދޭންޖެހޭ ގަދަރާއި އިއްޒަތް މިއަދު މި ދިވެހިރާއްޖޭގައި ދެވެމުންދޭތޯ އުފެދޭ ސުވާލެވެ.

ޖެންޑަރ މިނިސްޓްރީން ފާއިތުވި އަހަރު ފާހަގަކޮށްފައިވާ ގޮތުން ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އޮންނަ މިންވަރަށް އަސަރުކުރާ އެތައް ކަންތައްތަކެއްވެއެވެ. މިގޮތުން އިންތިޚާބުތަކުގައި ވާދަކުރުމާއި ކާމިޔާބުކުރުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި އަންހެނުންގެ ސިޔާސީ ބައިވެރިވުމާއި ނެޓްވޯކިންނަށް ހުރަސްއެޅޭ އިގްތިސޯދީ، ދީނީ، އިޖުތިމާއީ އަދި ޘަގާފީ ގޮންޖެހުންތަކެއްވެއެވެ. މިއީ ހަމައެކަނި އެންމެ ދާއިރާއެއްގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކައެވެ.

މި ގޮންޖެހުންތައް ހުރި ނަމަވެސް އަންހެނުން ބާރުވެރިކުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ އަންހެނުންނަށް ހައްގު އޯގާތެރިކަމާއި އަޅާލުން ލިބިގެންވާ ފުދުންތެރި ބަޔަކަށް ވުމަށް އެތައް މަގެއް ފަހިވެގެންދާނެ ތަސައްވުރެކެވެ. އެގޮތުން، އަންހެނުންނަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަންހެނުންނަށް ޚާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނެއް ތައާރަފްކޮށްފައިވާއިރު އެއީ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް އަންހެނުންނަށް ކޮށިގެން ދިޔަ ފަހި މަގެކެވެ.

ދިވެހިރާއްޖޭގައި ސިއްހީ ޚިދުމަތާއި، ތައުލީމީ ދާއިރާ ފަދަ މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންކަން ސަރުކާރުން މިއަދު ފާހަގަކުރަނީ އުފަލާއެކުގައެވެ. ކުޅިވަރުގެ މައިދާނުގައި އަންހެން އެތުލީޓުން ހޯދަމުންދާ ރަން ވަނަތަކާ ތައުލީމީ ދާއިރާއިން ދިވެހި އަންހެން ދަރީން ހޯދަމުންދާ ފަޚުރުވެރި ވަނަތަކަކީ މިއަދު މުޅި ގައުމު އެބަޔަކަށްޓަކައި ފަޚުރުވެރިވާ ކަންކަމެވެ. "އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެހެންކަމުން، މިއީ ދިވެހި ގަައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެ ކަމަށެވެ.

[ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ] ބުނާ އަޑު، މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުމެއްނުވެއެވެ. ބައެއް ރަށްރަށުގެ އަންހެނުން، މަސްކަނޑުތަކަށް ނުކުމެ، އެކަން ސާބިތުކޮށްދީފައިވާއިރު ފުނަށް ފީނުމުގެ ސިނާއަތުގައި، މަދު ނޫން އަދަދެއްގެ ދިވެހި އަންހެނުން އެބަތިއްބެވެ. މި އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން އިންޖިނިއަރުންނާއި، ޕައިލެޓުންގެ ގޮތުގައިވެސް ދިވެހި އަންހެނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަންހެނުންނަށް "ނުވާނެ" ކަމަށް ބުނާ ކޮންމެ ކަމެއްގައި ދިވެހި އަންހެނުން އަންނަނީ އެހެން އެންމެނަށް ގޮންޖަހާލުމަށްފަހު އެއިން ކޮންމެ ކަމަކުން ނަމޫނާ ދައްކަމުނެވެ.

މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާކަން މިއީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ.

ކިޔުންތެރިންގެ ހިޔާލު