ENGLISH
21 އޭޕްރީލު 2025
އެއްވެސް އިންސާނަކު އިމްތިޙާނަކާ ނުލާ ﷲ ތަޢާލާ ދޫނުކުރައްވާނެ: ޑރ. ސައްތާރު
07 މާރިޗު 2025
|
ރޭގެ އިޙްޔާ ފޯރަމްގައި ޑރ. ސައްތާރު ވާހަކަދައްކަވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އެއްވެސް އިންސާނަކު އިމްތިޙާނަކާ ނުލާ ﷲ ތަޢާލާ ދޫނުކުރައްވާނެ ކަމަށް ޑރ. ޢަބްދުއް ސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ޑރ. ސައްތާރު މިފަދައިން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ސައްތާރު ވިދާޅުވީ، އިމްތިޙާނަކީ ލާޒިމު އެއްޗެއް ކަމަށާއި އެއްވެސް އިންސާނަކު، އިމްތިޙާނު ނުކުރައްވާ ދޫނުކުރައްވާނެ ކަމަށެވެ.
"ދެން، އިމްތިޙާން. މިއީ ލާޒިމު އެއްޗެއް. ﷲ ތަޢާލާ އަންގަވާ ވަޙީކުރައްވަނީ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ އެތާ (އަޙްޒާބުގެ މައިދާނުގައި) މުއުމިނުން އިމްތިޙާނު ކުރެއްވުނެވެ. އެއްވެސް އިންސާނަކު އިމްތިޙާނަކާ ނުލާ، މާތްﷲ ތަޢާލާ ދުލެއް ނުކުރައްވާނެ. أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ މީސްތަކުން ހީކުރަނީހެއްޔޭ ތިމަންމެން އީމާން ވެއްޖެއީމޭ ބުނުމުން އިމްތިޙާން ނުކުރައްވާ ދޫކޮށްލައްވާނެކަމަށް." ޑރ. ސައްތާރު ވިދާޅުވިއެވެ.
ޑރ. ސައްތާރު ވިދާޅުވީ، އިމްތިޙާނު ކުރެއްވުމުގެ މައިގަނޑު މަގުސަދުތަކަކީ އިންސާނާ އިސްލާހުވުމާއި، ފާފަތަކުން ޠާހިރުވުމާއި އިންސާނާގެ ދަރަޖަ މަތިވެރިކުރެއްވުން ކަމަށެވެ. އެގޮތުން، އެންމެ ބޮޑަށް އިމްތިޙާނު ކުރައްވާފައިވަނީ ރަސޫލުބޭކަލުން ކަމަށާއި، ދެން އެއާއި ޖެހިގެން ދީނުގައި ސާބިތުވުން އެންމެ ބޮޑެތި މީހުންކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ކަމަށް ޑރ. ސައްތާރު ވިދާޅުވިއެވެ.
ޘަވާބު ލިބުންވެސް ގުޅިފައިވަނީ ކެތްތެރިވުމާ ކަމަށް ވެސް ޑރ.ސައްތާރު ވިދާޅުވިއެވެ. އެގޮތުން މުޞީބާތްތަކަށް ކެތްކުރުމާއި، ފާފަތަކުން ރައްކާތެރިވުމަށް ކެތްތެރިވުމާއި ހެޔޮކަންތައްތަކުގެ މަތީގައި ދެމިހުރުމަށް ކެތްކުރުން ފާހަގަކުރައްވާ، ރަސޫލާގެ އަންނަނިވި ޙަދީޘް ބަސްފުޅު ގެންނެވިއެވެ.
وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ (އައްނަވަވީ) މާނައީ: އަދި ކާމިޔާބީ ވަނީ ކެތްތެރިކަމާ އެކުކަން ދަންނާށެވެ!
އަޙްޒާބު ހަނގުރާމަ ހިނގައިދިޔަ ގޮތަށް ބަލާއިރު، ޑރ. ސައްތާރު ވިދާޅުވީ، މި ހަނގުރާމަ ފެށުނީ، 20 ވަރަކަށް ޔަހޫދީން މައްކާއަށް ގޮސް ޤުރައިޝުންނާ ބައްދަލުކޮށް، މުސްލިމުންނާ ހަނގުރާމަ ކުރުމަށް ބައިޢަތުހިފި ހިސާބުން ކަމަށެވެ. އަދި ޔަހޫދީންނަކީ އެމީހުންގެ ފިތުނަވެރިކަމާހެދި އެތަކެއް ހަސްކާއެއް އެމީހުނަށް މެދުވެރިކުރެއްވި ބައެއް ކަމަށެވެ. އެމީހުން ދުނިޔެ މަތީގައި ވަރުގަދަ ދެ ފިތުނައެއް އުފައްދާނެ ކަމުގެ ޚަބަރު ދެއްވާ ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު، ޑރ. ސައްތާރު ފާހަގަކުރެއްވިއެވެ.
وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴿٤﴾ (އަލް އިސްރާ)
މާނައީ: " އަދި ތިމަންރަސްކަލާނގެ، إسرآءيل ގެދަރިންނަށް، ފޮތުގައި (އެބަހީ: توراة ގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ."
ދިހަ ވަރަކަށް ހާސް މީހުންނައިގެން ޤުރައިޝުން މައްކާއިން ނިކުތް ޚަބަރު ލިބިވަޑައިގަތުމުން އަޞްޙާބުންނާއި ސައްލާކުރައްވާ، ސަލްމާނުލް ފާރިސީގެ ލަފާގެ މަތިން މަދީނާ ހިމާޔަތްކުރުމަށް ވަޅުގަނޑެއް ކޮންނަން ނިންމެވިއެވެ. އެގޮތުން، މަދީނާގެ އުތުރުން ޚަންދަގު ކޮންނެވުމަށް ނިންމެވީ، ދެންއޮތް ތިންފަރާތުން ދެފަރާތުގައި ތޫނު ހިލަހުރި ފަރުބަދަތައް ހުރުމާއި، އަނެއްފަޅި ބަނޫ ޤުރައިޟާގެ ހިމާޔަތުގައި އޮތުމުންނެވެ. ވިހި ދުވަހުން މި ޚަންދަގު ކޮނެ ނިންމާލެއްވިކަމަށް ޑރ. ސައްތާރު ވިދާޅުވިއެވެ.
ވަޅުގަނޑު ކޮނުމުގައި ހޭދަވި 20 ދުވަހުގެ ތެރޭގައި ހިނގައިދިޔަ ހާދިސާއެއް، ޑރ. ސައްތާރު ކިޔައިދެއްވިއެވެ. ރަސޫލުﷲގެފާނުން ބަނޑުހައިހޫނުކަންމަތީ ހުންނަވަނިކޮށް ޖާބިރުގެފާނަށް ފެނިވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ގާތު، ރަސޫލާއަށް ފަރީއްކޮޅެއް ތައްޔާރުކޮށްދެއްވުމަށް އެދިވަޑައިގަތުމުން ތައްޔާރުކުރި މަދު ކާއެތިކޮޅަށް ބަރަކާތް ލެއްވުން އެދި ރަސޫލާ ދުޢާކުރެއްވުމުން 1،000 މީހުން ކައި ނިމުންއިރުވެސް ކާތަކެތި ހުސްނުވާކަމަށް ޙަދީޘްގައިވާކަމަށް ޑރ. ސައްތާރު ވިދާޅުވިއެވެ.
އަޙްޒާބުގެ ދުވަހު ދުޝްމިނުންގެ ލަޝްކަރު ދެކި، ދެބަޔަކަށް މަދީނާގެ އަހުލުން ބެހުނު ވާހަކަ ޤުރްއާނުން ދަލީލު ދައްކަވާ، ޑރ. ސައްތާރު ކިޔައިދެއްވިއެވެ.
وَإِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ مَّا وَعَدَنَا اللَّهُ وَرَسُولُهُ إِلَّا غُرُورًا ﴿١٢﴾ (އަލް އަޙްޒާބު) މާނައީ: "އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ."
وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ﴿٢٢﴾ (އަލް އަޙްޒާބު) މާނައީ: "އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ."
ހަނގުރާމައިގެ ވަކި ހިސާބަކުން، ބަނޫ ޤުރައިޟާއިން އެއްބަސްވުމާއި ޚިލާފުވިއެވެ. މިކަން މުޅި ލަޝްކަރަށް އެނގި، ރަސޫލުﷲގެފާނުވެސް މާޔޫސްވެވަޑައިގެން ރަޖާލައްވައިގެން އޮށޯވެވަޑައިގެންނެވިއެވެ. އަދި އިރުކޮޅަކުން ނަޞްރު ލިބޭނެކަމުގެ ޚަބަރައިގެން ތެދުވެވަޑައިގެންނެވިއެވެ. އަދި ނުޢައިމު ބިން މަސްޢޫދު އިސްލާމްވެވަޑައިގަތުމުން ދުޝްމަނުންގެ ތެރެއަށް ވަޑައިގެން ބޭނުންފުޅު ކަމެއް ކުރެއްވުމުގެ ހުއްދަ ދެއްވިއެވެ. އެއާއެކު އެކަލޭގެފާނު ޔަހޫދީން ގާތަށާއި ޤުރައިޝުންގެ ގާތަށް ވަޑައިގެން ދެބައިމީހުންގެ ދޭތެރޭގައި ފިތުނަ އުފައްދަވާ، ބައިބައިކޮށްލެއްވިއެވެ. މިކަމާ ގުޅުވާ، ޑރ.ސައްތާރު ވިދާޅުވިއެވެ.
"ހަނދާންކުރައްވައްޗޭ، ތަނެއް ހަލާކުކޮށްލަންޏާ އިތުބާރު ގެއްލުވާލީމަ އެ ނިމުނީ. ދެމަފިރިން ދުރުކޮށްލަންޏާ އިތުބާރު ގެއްލުވާލާ. ނިމުނީ އެހިސާބުން. އިތުބާރު ގެއްލުނީމަ ހުރިހާ ކަމެއް ދިޔައީ."
ހަނގުރާމައިގެ ވަކި ހިސާބަކުން ބާރު ވައެއް ފޮނުއްވާ، މުޝްރިކުންގެ ލަޝްކަރުގެ ފޭލިގެތަކާއި ހުރިހާއެއްޗެއް އުކާލެއްވިއެވެ. އަދި މާޔޫސްކަމާއި، އެމީހުންގެ ރުޅިވެރިކަމައިގެން އެއްވެސްކަމެއް ހާސިލުނުވެ އަނބުރާ ދާންޖެހޭ ގޮތް މެދުވެރިކުރެއްވިއެވެ.