ENGLISH
21 އޭޕްރީލު 2025
ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އެމްޑީޕީގެ ވެރިކަމުގައި: އެޓަރނީ ޖެނެރަލް އުޝާމް
07 މާރިޗު 2025
|
އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް. -ފޮޓޯ: ރައީސް އޮފީސް
ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލުމުން އެކަން ވަރަށް ސާފުވާނެ ކަމަށް އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމް ވަނީ 2018 އިން 2023 އާ ދެމެދު އެމްޑީޕީން ވެރިކަން ކުރިއިރު ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ. އަދި، އެމްޑީޕީގެ ވެރިކަމުގެ މުއްދަތާ އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން އުޝާމް އާއްމުކުރި ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އުޝާމް ހާމަކުރައްވާފައިވާ ތަފްޞީލުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނިމުނު އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރަކު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އެހެންނަމަވެސް، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް އެއްވެސް ފަނޑިޔާރަކު މަޤާމުން ވަކިނުކުރައްވާކަން އުޝާމް ޙިއްސާކޮށްފައިވާ މަޢުލޫމާތުގައި ބަޔާންކުރައްވާފައިވެއެވެ.
އެމްޑީޕީގެ ވެރިކަމުގައި 12 ފަނޑިޔާރަކު ސަސްޕެންޑްކޮށް ތިން ފަނޑިޔާރެއްގެ މަޤާމް ދަށްކުރިކަމަށް އުޝާމް ފާހަގަކުރައްވާފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ފަނޑިޔާރެއްގެ މަޤާމް ދަށްކުރައްވާފައި ނުވާކަމަށް އުޝާމްގެ އާއްމުކުރެއްވި ތަފްޞީލުގައި ފާހަގަކުރައްވާފައިވެއެވެ.
ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅާ ނަސޭހަތް ދިން ފަނޑިޔާރުންގެ އަދަދު އެމްޑީޕީގެ ވެރިކަމުގައި ހުރީ 33 ގައި ކަމަށާއި، މިހާރު ހިނގަމުންމިދާ ވެރިކަމުގައި، ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދީފައިވަނީ ދެ ފަނޑިޔާރުންނަށް ކަމަށް އުޝާމް ފާހަގަކުރައްވާފައިވެއެވެ.
އުޝާމް އާއްމުކުރެއްވި ތަފްޞީލުތަކުގައި ވާގޮތުން އެންމެ ފަހުން އޮތް އެމްޑީޕީގެ ވެރިކަމުގައި ޖުމްލަ 56 ފަނޑިޔާރުންނާ ދެކޮޅަށް ވަނީ ފިިޔަވަޅު އަޅައިފައެވެ.
އުޝާމް ވިދާޅުވީ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކަވާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމަވާ ނިންމެވުމަކާ ގުޅިގެން "ސްލޫކީވުން" ނިމުމަކަށް ގެނައީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކަމަށެވެ.