ENGLISH
21 އޭޕްރީލު 2025
ރޯދައިގެ ޙިކުމަތަކީ ތަޤްވާވެރިކަން ހާސިލްކުރުން: ޚުތުބާ
07 މާރިޗު 2025
|
ފޮޓޯ: ފަޔާޒް މޫސާ
މާތް ﷲ ޝަރުޢުކުރައްވާފައިވާ އެއްވެސް އަޅުކަމެއް ބޮޑުވެގެންވާ ހިކުމަތަކަށް މެނުވީ ޝަރުޢު ކުރައްވާފައި ނުވާކަމަށާއި، އެގޮތުން ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތަކީ ތަޤްވާވެރިކަން ހާސިލް ކުރުން ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ރޯދަ ފަރުޟު ކުރެއްވި ހިކުމަތް ޞަރީޙަކޮށް ބަޔާން ކުރައްވާ މާތް ﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ."
ރޯދަ ޝަރުޢު ކުރައްވާފައިވަނީ ތަޤްވާވެރިކަން ހާސިލް ކުރުމަށްޓަކައިކަން މިއާޔަތުން ޞަރީހަކޮށް އެނގެއެވެ.
އެހެންކަމުން ރޯދައިގެ އެންމެހައި ހިކުމަތްތައް ވަނީ ތަޤްވާވެރިކަމާއި ގުޅިފައެވެ. ތަޤްވާވެރިކަމަކީ ކޮބައިކަމަށް ބަލާލާއިރު، ތަޤްވާވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި އަލީގެފާނު ވިދާޅުވެފައިވަނީ، އެއީ މާތް ﷲއަށް ބިރުވެތިވުމާއި، މާތް ﷲ ބާވައިލެއްވި ފޮތްތަކަށް އަމަލުކުރުމާއި، އެކަލާނގެ ދެއްވި މިންވަރަށް ރުހުމާއި މަރަށް ތައްޔާރުވެ ހުރުމެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ތަޤްވާވެރިކަން ހާސިލްކޮށްދޭ އެތައްކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިވާމަށް ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން، ހަރާމް ކަންތަކާއި ރޯދަވެރިޔާ ދުރުހެލިކުރުވުން، ނަފްސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން، ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެއްދުން، ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށް ޒީނަތްތެރި ކޮށްދިނުން، ދެބައޮޑުވުމާއި ޣީބަބުނުމުން ދުރުހެލިކުރުވުން، ތިމާކުރާ ހުރިހާ އަމަލެއް މާތްﷲ ބައްލަވައިވޮޑިގެންވާކަން ދަނެ ނަފްސު ތަހުޒީބު ކުރުން އަދި ޝައިތާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ހިމެނެއެވެ.
ރޯދައިގެ ސަބަބުން މާތް ﷲ އަށް ބިރުވެތިވެ، ކުރަން އާދަވެފައިވާ ކަންކަމުން އެއްކިބާވެ ހުރުމަކީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށްދެވޭ ތަރުބަވީ ފިލާވަޅެއްކަމަށް ޚުތުބާގައިވަނީ ބަޔާންކޮށްފައެވެ. ނަބަވީ އިރުޝާދުތަކުގައި ވާގޮތުން ރޯދައަކީ ވަރަށް ގިނަ ނުބައި ކަންތައްތަކަކުން ރައްކާތެރިކޮށްދޭ މާތް އަޅުކަމެކެވެ. ރޯދަ ފަރުޟު ކުރެއްވުނު ހިކުމަތަށް ވާސިލްވާގޮތަށް ރޯދަހިފުމަށް، ނަމާދު ޤާއިމް ކުރުމާއި، ޤުރުއާން ކިޔެވުމާއި ރޭއަޅުކަން ކުރުމަށް ވަގުތު ހޭދަކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.