ENGLISH

21 އޭޕްރީލު 2025

Advertisement

ފަލަސްތީނު ރައްޔިތުން ޣައްޒާއިން ބޭރުކުރަން އުޅޭތީ ބާއްވާ އޯއައިސީ ބައްދަލުވުމުގައި މިނިސްޓަރ ޚަލީލު ބައިވެރިވެވަޑައިގަންނަވަނީ

06 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ހާރިޖީވަޒީރު ޑރ.ޢަބްދުﷲ ޚަލީލު، ފޮޓޯ: ރައީސް އޮފީސް

ޣައްޒާގެ ބިމުން ފަލަސްތީނު ރައްޔިތުން ބޭލުމަށް ގޮވައިލާތީ އެކަމާ ގުޅިގެން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ބާއްވާ އެ ޖަމްއިއްޔާގެ މެންބަރު ދައުލަތްތަކުގެ ހާރިޖީވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިތުމަށް ފޮރިން މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ފުރާވަޑައިގެންފިއެވެ. 

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އައި އުދުވާނީ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕު ގެންދަވަނީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބާލައި މިސްރާއި އުރުދުނަށް ބަދަލުކުރުމަށް ގޮވައިލައްވަމުންނެވެ. 

މިސްރާއި އުރުދުނުންވެސް ޓުރަމްޕުގެ އެ ހުށަހެޅުމަށް ދެކޮޅުހަދާފައިވާއިރު، ދިވެހިރާއްޖެ ހިމެނޭހެން ޢަރަބި އިސްލާމީ ގައުމުތަކުން އަންނަނީ މި ހުށަހެޅުމަށް އިންކާރުކުރަމުންނެވެ. 

އެ މައްސަލައާ ގުޅިގެން އޯއައިސީގެ ހާރިޖީވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ޖިއްދާގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ބައްދަލުވުމުގައި އޯއައިސީން މި މައްސަލާގައި އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވޭނެއެވެ. މި ބައްދަލުވުމުގައި އެ މައްސަލައިގެ އިތުރަށް މިހާރު ޣައްޒާގެ ރައްްޔިތުންނާމެދު ސިހުޔޫނީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާމެދު މަޝްވަރާކުރަންވަނީ ހަމަޖެހިފައެވެ. 

ހަމަލާ ބަދަލުކުރުން ހުއްޓައިލި ނަމަވެސް ޣައްޒާއަށް ނުހަނު ބޭނުންވެފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް އިސްރާއީލުން އަންނަނީ ހުރަސްއަޅަމުންނެވެ. އެކަމާ ގުޅިގެން ދިވެހިރާއްޖެއިންވަނީ އިސްރާއީލުން ހިންގަމުންދާ އެ އަމަލުތައް ކުށްވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ގޮވައިލާފައެވެ. 

އޭގެ އިތުރަށް ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި އޮތް ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުން ހުށަހަޅާފައިވާ ޕްލޭނަށް ރާއްޖެއިން ތާއީދުކޮށް، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިދާރާތަކުގެ ބައިވެރިވުމާއެކު ޣައްޒާ އަލުން އާރާސްތުކުރުމުގައި ޣައްޒާގެ އަހުލުވެރިންނަށް އެމީހުންގެ އަމިއްލަ ބިމުގައި ދިރިއުޅެވޭނެ މަގުފަހިކުރާނެ ޕްލޭނެއްކަން ރާއްޖެއިން ފާހަގަކޮށްފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ތަފާތު މަންސަތަކުގައި ރާއްޖެއިން އަންނަނީ މެދުކެނޑުމެއް ނެތި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ގޮވައިލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު