ENGLISH
12 ޖުލައި 2025
ފަނޑިޔާރުން އާއްމު ބަޔާންތައް ނެރުއްވުމަކީ ފަނޑިޔާރުގެއާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް: މުހުތާޒު
06 މާރިޗު 2025
|
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛު މުހުތާޒު މުހުސިން، ފޮޓޯ: ރައީސް އޮފީސް
ފަނޑިޔާރުން މަގާމުގައި ތިއްބަވައިގެން ގާނޫނުގައި ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އޮންނަ ގޮތާ ހިލާފަށް އާއްމުކޮށް ބަޔާންތައް ނެރުއްވަައި ސިޔާސީ މީހުންނަށް ޖަވާބުދާރީވެވަޑައިގަތުމަކީ ފަނޑިޔާރުގެއަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޖިނާއީ އަދުލާ ބެހޭ ކަންކަމުގައި ރައީސަށް ލަފާ އަރުވާ މުސްތަޝާރު އަލްއުސްތާޛު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށައި، އެކަން ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް އެންގުމާ ގުޅިގެން އެ ތިން ބޭފުޅުން ސަސްޕެންޑުކުރުމާ ގުޅިގެން އެއިން އެއް ބޭފުޅެއްގެ ގާނޫނީ ވަކީލުން މިއަދު އާއްމުކޮށް ނޫސްބަޔާނެއް ނެރުއްވުމާ ގުޅިގެން ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވަނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ފަނޑިޔާރު ހުސްނުއް ސުއޫދުވަނީ ތުހުމަތުތައް ތަހުގީގުކުރަން ފެށުމާއެކު ފަނޑިޔާރުކަމުން އިސްތިއުފާދެއްވާފައެވެ.
މުހުތާޒު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތުން އިއްޒަތްތެރި ފަނޑިޔާރުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހެނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ. އަދި ޖަވާބުދާރީވެވަޑައިގަތުމުގެ އިންތިޒާމު ގާނޫނުގައި ހަމަޖައްސާފައިވަނީ ގަދަރުވެރިކަމާއެކު އެކަން ކުރެއްވޭ ގޮތަށެވެ.
އެގޮތަށް އެކަން ނުކުރައްވައި މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެވަޑައިގެން، އާއްމުކޮށް ބަޔާންތައް ނެރުއްވުމަކީ، ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، އިތުބާރު ގެއްލި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމުގައިވެސް މުހުތާޒު ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސިޔާސީ އޮއިވަރުގެ ތެރެއަށް ވަދެވަޑައިގެން ފަނޑިޔާރުންނާއި ލާއިގު ނޫން ބައެއް ވާހަކަފުޅުތައް އާއްމުކޮށް ދައްކަވާތީ ގިނަ ބަޔަކަު އަންނަނީ އެކަމުގެ ސަބަބުން ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ގެއްލި، ޝަރުއީ ދާއިރާ ސިޔާސީ ކަންކަމަށް ވަދެފައިވާކަމުގެ ތަސައްވުރެއް އުފެދި އެ ދާއިރާގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.