ENGLISH

12 ޖުލައި 2025

Advertisement

ފެނަކަ އެމްޑީ އައްޑޫގައި: ދެއްވީ ކަރަންޓް މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން

06 މާރިޗު 2025

|

އަޙުމަދު ޙަމީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް-- ފޮޓޯ/ ފެނަކަ

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރެއްވުމަށް ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ މިވަގުތު އެންމެ ބޮޑު އަމާޒަކީ ކަރަންޓް ނުކަނޑާ، ކަރަންޓުގެ މައްސަލަ މުޅީން ހައްލުކުުރުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމްޑީ ނަޖާޙު މިވަގުތު ހުންނެވީ އައްޑޫ ސިޓީގަ އެވެ. އައްޑޫގައި ހުންނަވާ ވާހަކަ ދައްކަވަމުން ނަޖާޙު ވިދާޅުވީ އައްޑޫގައި މިވަގުތު ހުރި ޖަނަރޭޓަރުތަކަކީ ވަރަށް ގިނަ ދުވަސްވަންދެން ސާވިސް ނުކޮށް ހުރި ޖަނަރޭޓަރުތަކެއް ކަމަށާ އެކަމުގެ ސަބަބުން ޖަނަރޭޓަރުތައް ވަރަށް ބޮޑަށް ބައުވެ ހަލާކުވެފައިވާ ކަމަށެވެ.

އެހެން ކަމުން ޖަނަރޭޓަރުތައް މަރާމާތުކުރުމަށް ބޭނުންވާ ހުރިހާ ސްޕެއާތަކެއް ރާއްޖެ ގެނެސް އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޖާޙު ވިދާޅުވީ ހުރިހާ ސްޕެއާތައް ރާއްޖެ ގެނައުމަށް ވަގުތުކޮޅެއް ހޭދަވީ ޗައިނީސް ނިއު އިޔާއާ ދިމާވުމުން ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ސްޕެއާތަކެއް ލިބި ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓާގެޓް މިކުރަނީ ކުރިއަށް އޮތް ދެތީން ދުވަހެއްގެ ތެރޭގައި މިހާރު މަރާމާތު ކުރެވެން ހުރި ފަސް ޖަނަރޭޓް މަރާމާތުކޮށް ނިންމާ އައްޑޫއަށް ކަރަންޓް ދެވޭނެ ގޮތެއް ހެދުން. މިވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއެއް މި ހުރީ މި ރަމަޟާން މަހު ކަރަންޓް ނުކަނޑާ ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވިއެވެ.

ނަޖާޙު ވިދާޅުވީ އައްޑޫން ބައެއް ވަގުތުތަކުގައި ކަރަންޓް ކެނޑެން ދިމާވީ އެއް ޖަނަރޭޓަރު ޝަޓްޑައުން ވެގެން ކަަމަށެވެ. އެ ޖަނަރޭޓަރު ވެސް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ވިދާޅުވި އެެވެ.

ނަޖާޙު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އިތުރު އަދި ބޮޑެތި ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިވަގުތުވެސް އިތުރު އެއް ޖަނަރޭޓަރު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޖަނަރޭޓަރު މިހާރު ހުރީ ޓްޓިކޮރިން ބަނދަރުގައި އޮތް ބޯޓެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ނަޖާޙު ވިދާޅުވީ ފެނަކަ އިން މަސައްކަތް ކުރަމުން ދަނީ އައްޑޫގެ ކަރަންޓްގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ކުރިއަށް އޮތް ފަސް އަހަރަށް ކަރަންޓްގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށެވެ.

"އައްޑޫ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާށޭ. ހަމަ ގައިމުވެސް އަޅުގަނޑުމެން ހަވާލުވި ހިސާބުން މި ބަލަނީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ ގޮތެއް،" އެނާ ވިދާޅުވިއެވެ.

ނަޖާޙު ވިދާޅުވީ މިއަދުގެ މި ޙާލަތަކީ އިހުމާލުވުމުގެ ނަތީޖާ ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށް ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް ވަގުތުކޮޅެއް ނަގާނެކަން ގަބޫލުކޮށް ފެނަކައަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން ނަޖާޙު އެދިވަޑައިގަތެވެ. އަދި ޔަގީންކަން ދެއްވީ އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ރެއާ ދުވާލު މަސައްކަތް ކުރައްވާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު