ENGLISH
21 އޭޕްރީލު 2025
ސުޕްރީމް ކޯޓުން ކުރި އަމުރުގެ މުއްދަތުގައި ކުރަންޖެހޭ ކަންކަން ބަންޑާރަނައިބުގެ އޮފީހުންވާނީ ކޮށްފައި: އުޝާމް
06 މާރިޗު 2025
|
ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، މައުޟޫޢީ ގޮތުން ޖަވާބުދާރީވާން ދައުލަތަށް އެ ކޯޓުން އެންގި އެންގުމުގެ މުއްދަތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ބަންޑާރަނައިބުގެ އޮފީހުން ކޮށްފައިވާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވެެއްޖެއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ބަންޑާރަނައިބު ހިލާފުވެފައިވާކަމަށް ވިދާޅުވެ އުޝާމު ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ތުހުމަތުކުރައްވައި ފިޔަވަޅުއެޅުއްވުން އެދިވަޑައިގެން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައި، އެ ސިޓީ އެކްސްގައި ޝާއިއުކުރައްވާފައެވެ.
އަލީ ހުސައިންގެ އެކްސް ޕޯސްޓަށް ރައްދުދެއްވަމުން ޝާއިއުކުރެއްވި ޕޯސްޓެއްގައި އުޝާމު ވިދާޅުވެފައިވަނީ، އަލީ ހުސައިން ކުރައްވާ މަސައްކަތްޕުޅަކީ ކޮންމެ ނިޔަތެއްގައި ކުރެއްވި މަސައްކަތްޕުޅެއް ނަމަވެސް ސާފުކޮށް ފެންނަން ހުރި ކަންކަމުގައި އިތުރުފުޅު ހައްދަވާތީ ނިޔަތް އޮތް ގޮތް ސާފުވަމުންދާ ކަމަށެވެ.
އުޝާމު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ރަސްމީ 10 ދުވަހުގެ ތެރޭގައި މައުޟޫޢީ ޖަވާބު ހުށަހެޅުމަށް ކަމަށާއި، ރަސްމީ 10 ދުވަސް އަލީ ހުސައިންގެ ސިޓީގައި ބަޔާންކުރައްވާފައިވާ 28 ފެބްރުއަރީއަށް ހަމަނުވާނެ ކަމަށެވެ. އަދި ރަސްމީ ދުވަސްތައް ގުނާނެ ގޮތް ވިދާޅުވެދެއްވަންޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
އިތުރަށް ބަންޑާރަނައިބު ވިދާޅުވީ ކޯޓުން ކަނޑައަޅާފައިވާ މުހުލަތުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ ކަންކަން އެ އޮފީހުން ކޮށްފައިވާ ކަމަށެވެ.
އަދި ބަރަކާތްތެރި ރަމަޟާން މަހުގައި ދޮގު ވާހަކަތައް ފަތުރައިގެން ފިތުނަ ފަސާދަ އުފެއްދުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮކަމެއްގައި މަޝްޣޫލުވެވަޑައިގެން އުޅުއްވުމަށް ބަންޑާރަނައިބުވަނީ އަލީ ހުސައިނަަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.