ENGLISH
21 އޭޕްރީލު 2025
މަރާމާތަށް ފަހު ރަސްފަންނު އާންމުންނަށް ހުޅުވާލައިފި
06 މާރިޗު 2025
|
މަރާމާތަށް ރަސްފަންނު ބަންދުކުރުމަށްފަހު، މިވަގުތު އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރަސްފަންނު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލަވާލައްވާފައެވެ.
މިދިޔަ މަހުގެ މެދުތެރޭގައި ރައީސް ވިދާޅުވެފައިވަނީ، ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި އެއަށްފަހު ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
މަރާމާތުގެ މަސައްކަތަށް ރަސްފަންނުން ބައެއް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ ކޮށް ނިންމާފައި ފައެވެ. ހަމައެހެންމެ ހަޓުތަކާއި، ބާބަކިޔު ސްޓޭންޑްތަކާއި، ފެންމާގަނޑުތަކާއި، މޫދަށް އެރޭ ސަރަހައްދު ކަމާބެހޭ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ވަނީ މަރާމާތުކޮށްފައެވެ.
އާންމުނަށް ރަސްފަންނު ބޭނުންކުރެވޭގޮތަށް މިއަދު ހުޅުވާލިއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އެ ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ރަސްފަންނު ސާފުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މާލެސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދަށް އެރިއުޅޭ ސަރަހައްދުން ކިސަޑް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.
މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރަސްފަންނު ދާއިމީގޮތެއްގައި ރައްޔިތުންނަށް ބޭނުންހިފޭ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޓަކައި އިތުރު ޕްލޭންތަކެއް ހެދިގެން ދާނެކަމަށެވެ. އެގޮތުން ރަސްފަންނު ތަރައްގީކުރާއިރު އާންމު ރައްޔިތުން ބޭނުންކުރެވޭނެ ފާހަނަ ބަރިއެއްގެ އިތުރުން މުނިފޫހި ފިލުވޭެނެ އިތުރު ކަންކަން ހިމެނޭނެ ގޮތަށް އެތަން ތަރައްގީކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިވަގުތު މިތަނަށް އަންނަ ފަރާތްތައް ބޭނުންކުރާނެ ފާޚާނާ ބަރިއެއްނެތް. އެހެންވީމަ ފާޚާނާ ބަރި ހެދުމާއި، މުނިފޫހިފިލުވުމަށް އެހެން ކަންތައްތަކެއްވެސް ކުރެވޭނެގޮތަށް ތަރައްޤީކުރެވިގެންދާނީ. އޭގެ އިތުރުން ފިޝިންގ ޕްލެޓްފޯމުވެސް އެހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމަ އެތަންވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް އެންމެ ފަސޭހަވާނެ ގޮތަކަށް ތަރައްޤީކުރުމަށް އަޅުގަނޑުމެންގެ ވިސްނުންހުރީ. އަދި ޖޯލި އިތުރުކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމުކުރަން ވަރަށް އަވަހަށް ފެށޭނެ." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށާއި، ދާއިމީ ބަދަލުތައް ގެނައުމުގެ މަސައްކަތް ރޯދައަށްފަހު ފެށިގެންދާނެކަމަށެވެ. އަދި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގައިވެސް ސަރުކާރުގެ ވިސްނުންހުރީ އެތަނުގެ ބޭނުން އާންމުންނަށް އެންމެ ފުރިހަމަގޮތުގައި ހިފޭނެހެން ހިތްފަސޭހަ ތަނަކަށް އެތަން ހެދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މާލެއަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށްވެފައި، އާއިލާތަކަށް ހިތްފަސޭހަކަމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ މާޙައުލުތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ މަސައްކަތެއްކަމަށެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.