ENGLISH

21 އޭޕްރީލު 2025

Advertisement

ކޮތަރު މަރުވަމުން ދަނީ ކޮރައިޒާ އިންފެކްޝަންގައި: މިނިސްޓްރީ

06 މާރިޗު 2025

|

އަޙުމަދު ޙަމީދު

ބަލިޖެހިފައިވާ ކޮތަރެއް

މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ އެކަން ދިމާވާ ސަބަބު ދެނެގަތުމަށް ކުރި ތަހުލީލުން ކޮތަރުތައް މަރުވަމުން ދަނީ ކޮރައިޒާ އިންފެކްޝަން ބަލީގައި ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ބައްޔަކީ އާންމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ. މި ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި ބަލީގެ އަލާމަތްތަކާއި ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓަރީ ޓެސްޓްތަކުގެ މައްޗަށް ކަމަށް ވެސް ބުންޏެވެ.

މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި ތަހުލީލުތަކުން ކޮތަރުތަކަށް ކޮކްސިޑިއޯސިސް އާއި ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރެވުުނު ކަމަށް ވެސް އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓްރީން ބުންޏެވެ.

އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ ދޫނިތައް މަރުވެ އެވެ. އަދި މި ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުނދަގޫވެ ބޮލާއި މޫނު ދުޅަވެ ކެއިން ބުއިމަށް އުނދަގޫވާ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށާ މިއީ އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައެއް ނޫން ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ރައްކާތެރި ގޮތަކީ މަރުވެފައިވާ ކޮތަރު ނުވަތަ ބަލިވެފައިވާ ކޮތަރުތަކާއި ކުޑަކުދީން ކައިރިނުކުރުވުމާއި ބޮޑެތި މީހުން ވެސް އެފަދަ ތަކެތީގައި އަތްލާ ހިފާ ގެންގުޅޭނަމަ ރައްކާތެރި ކަމުގެ ވަސީލަތްތައް ބޭނުން ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު