ENGLISH
21 އޭޕްރީލު 2025
ރޯދަ މަހު ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ގަޑިތައް އާއްމުކޮށްފި
06 މާރިޗު 2025
|
އޮޕަރޭޝަން ކުރަނގިގެ ތެރެއިން ބިދޭސީންގެ ބައޯމެޓްރިކްސް ނަގަނީ، ފޮޓޯ:މިހާރު
ރޯދަ މަހުގެ ދުވަސްތަކުގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނެ ގަޑިތައް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމަށް އެ މިނިސްޓްރީން ވަނީ "ކުރަނގި" ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މެއި 24, 2024 ގައި ފެށި އެ އޮޕަރޭޝަން ވަރަށް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ދަނީ ހިނގަމުންނެވެ. މި އޮޕަރޭޝަން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
މި މަސައްކަތް މިހާރު ކުރަމުންދަނީ އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޑެސްކުގެ އިތުރުން ކަލާފާނު ސްކޫލްގަ އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 7 ދުވަހު، ހެނދުނު 09:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް އެތަންތަނުގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށާއި، އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ޝައްވާލް މަހުގެ ހަތް ދުވަހު ރޭގަނޑު 21:30 އިން 00:30 އަށް ހުޅުމާލޭ ފޭސް 1ގެ ރެހެންދި ސްކޫލްގެ ހޯލްގައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން އިޖްތިމާޢީ, އިޤުތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ. ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ވެސް ބޮޑު މައްސަލަ އެކެވެ. އެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ފެށިފައި ވަނީ މި ސަރުކާރުގަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި އެފަދަ އެތައް ސަތޭކަ ބިދޭސީންނެއް ހޯދާ މިހާރު ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.