ENGLISH
21 އޭޕްރީލު 2025
ސުޕްރީމް ކޯޓު ފަނޑިޔާރުން މަދުކުރުމަކީ މަޖިލީހުގެ ނިންމުމެއް، ރައީސް އެންގެވި ކަމެއް ނޫން: ފަލާހު
05 މާރިޗު 2025
|
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންގަވައިގެން ނިންމެވި ނިންމުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ފަނޑިޔާރުގެއަށް ފަޔާއި އަތް ބާއްނަވައިގެން އުޅުއްވިކަން ނޭނގޭ ދިވެެއްސަކު އަދި އެކަން ނޭނގޭ ބަޔަކު މުޅި ދުނިޔޭގައިވެސް އުޅޭނެހެން ހީފުޅުނުވާ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ފުރަތަމ ވެރިކަމުގައި ޖިނާއީ ކޯޓުގެ ފަނޑިޔާރަކު އޭނާގެ ގޭގައި އާއިލާއާއެކު އިންނަވަނިކޮށް ސިފައިން ބަރު ހަތިޔާރާއެކު ނަޝީދުގެ އޯޑަރަށް އެ ފަނޑިޔާރު ހައްޔަރުކޮށްގެން އަސްކަރީ ފެސިލިޓީއެއްގައި ބަންދުކޮށް އާއިލާއަށްވެސް އޭނާ ވީތަނެއް ނާނގައި ގެންގުޅުނު ހަނދާން މިހާރު ނެތީތޯ ފަލާހު ސުވާލުކުރެއްވިއެވެ.
އަދި އޭގެ އިތުރަށް ގާނޫނުއަސާސީން އެކުލަވައިލި އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނާމެދު 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލިއިރު އަމަލުކުރި ގޮތާމެދު ފަލާހު ސުވާލުކުރެއްވިއެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، 2014 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަމުގައި އެމަނިކުފާނުގެ ރޭއްވެވުމުގެ ދަށުން 2 ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިފައިން މެދުވެރިކޮށް ކޯޓު ހިސާރުކޮށް، ފުރާޅުގައި ހުރި ޓިނަށް ދަންދެން ނަގާ ހިސާބަށް ގެންގޮސް ފަނޑިޔާރުން ހުރަގެއަށް ލެއްވި ހަނދުމަފުޅު ރައީސް ޔާމީނުވެސް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ 2018 ގައި ވެރިކަން ލިބި އެމްޑީޕީއަށް 2019 ގައި ރައްޔިތުންގެ މަަޖިލީހުގެ އަޣުލަބިއްޔަތު ލިބުމާއެކު އެއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ބޭރުކޮށް، ދެ އިންތިހާބުގައި އެ ޕާޓީގެ ޖަގަހ ހުޅުވައި ނާޗަރަންގީ ކުޅެހެދި ހުސްނުއް ސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންދިންކަ ް އެކަންކުރި މީހުން މިހާރު ހަނދާންނެތީ ތޯއްޗެއްކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ނަމަަވެސް ރައީސް ޑރ.މުޢިއްޒަކީ ޝަރުޢީ ނިޒާމަތް އަތްޕުޅާއި ފައިންޕުޅު ބާއްނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ޑިމޮކްރަސީއާ ހިލާފު ގާނޫނުގެ ހުކުމަތާ ފުށުއަރާ ކަންކަން ރައީސްގެ ސަރުކާރުން ނުކުރާނެ ކަމުގައި ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި މަޖިލީހުގެ ސުޕްރަމަސީ ދަމަހައްޓަންޖެހޭ ކަމަށާއި، ފަނޑިޔާރުންގެ އަދަދު ކަނޑައަޅަން މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމަކީ އެ މަޖިލީހަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބޭ މުތުލަގު ބާރެއް ކަމަށެވެ. އަދި އެއީ ރައީސް އަންގަވައިގެން މަޖިލީހުން ނިންމާފައިވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒަކީ ޑިމޮކްރަސީއާއި ގާނޫނުގެ ވެރިކަމަަށް އިހުތިރާމުކުރައްވާ އިންސާފުވެރިކަމާއި އަދި އަދުލުވެރިކަމާއެކު ވެރިކަންކުރައްވާ ރައީސެއްކަމަށާއި، ފަނޑިޔާރުން ސިފައިން ނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބިނޑިއަޅުވައި، ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތްޕުޅުން ދުވެވަޑައިގަތުމަށް ރައީސް ނޫޅުއްވާނެ ކަމަށެވެ.
" އެހެން އުޅުނު މީހުންނަށް ހީވާނީ ހަސަނަށް ހީވި ހެންނެވެ. މިހާރު ވެގެން އެ އުޅެނީ އެހެންނެވެ.،" ފަލާހުގެ ޕޯސްޓު ނިންމަވައިލައްވަމުން ވިދާޅުވިއެވެ.