ENGLISH
21 އޭޕްރީލު 2025
ކަރަންޓު ބޭނުންކުރި މިންވަރު މަތިވެ، ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
05 މާރިޗު 2025
|
ސްޓެލްކޯ ހެޑްއޮފީސް: މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ސްޓެލްކޯއިން ވަނީ ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކޮށްފަ--އެމްއެމްޓީވީ/ ފައިލްފޮޓޯ
މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު މަތިވެ، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން 'އެކްސް' ގައި ކުރި ޕޯސްޓުގައި މިއަދު ބުނީ، މޫސުން ރަނގަޅުވުމާއެކު މި ރަމަޟާން މަހު ފުރަތަމަ ފަހަރަށް އިއްޔެ ވަނީ މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޯޓު ފަހަނައަޅާފައި ކަމަށެވެ. ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރީ، ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށެވެ.
ސްޓެލްކޯއިން އާއްމުކޮށްފައިވާ ޗާޓުގައި ވާގޮތުން، އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު މަތިވީ ހަވީރު ފަހަކުން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާ ހަމައަށެވެ. އެގޮތުން އިރުއޮއްސި ހައެއް ޖެހިިއިރު ވަނީ 92.3 މެގަވޯޓް ރެކޯޑްކުރެވިފައެވެ. އެދުވަހު ކަރަންޓު ބޭނުންކުރި މިންވަރު އެންމެ ދަށްވީ ހެނދުނު ހަތެއް ޖެހިއިރުއެވެ. އެގަޑީގައި ރެކޯޑް ކުރެވިފައިވަނީ 59.5 މެގަވޯޓެވެ.
ރަމަޟާން މަސް ފެށިގެން ފުރަތަމަ ދެ ދުވަހު ރާއްޖެއަށް ވިއްސާރަކުރުމާއެކު ކަރަންޓު ބޭނުންކުރި މިންވަރު މަދުވިއެވެ. އަންގާރަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވެފައިވާއިރު އިރުވައި މޫސުމުގެ ހޫނުގަދަ ދުވަސްތައް މިހާރު ވަނީ ފެށިފައެވެ.
ކަރަންޓަށް އަންނަ ބަދަލުތައް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ސްޓެލްކޯއިން ވަނީ މި ރަމަޟާން މަހު ބިލު ހަދާ މުއްދަތު މާރިޗު 1 އިން މާރިޗު 31 އަށް ބަދަލުކޮށްފައެވެ.
މި ރަމަޟާން މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކަރަންޓު ބިލުން 10 އިންސައްތަ ޑިސްކައުންޓް ދެއްވުމަށް ނިންމަވާފައެވެ. މުޅި ރާއްޖެއަށް ދޭ ކަރަންޓުގެ ޑިސްކައުންޓަށް ސަރުކާރުން 160 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ.