ENGLISH

21 އޭޕްރީލު 2025

Advertisement

މި ރަމަޟާން މަހަކީ އަޅުގަނޑުމެން އެންމެން އިތުރަށް އެކުވެރިވެ، އެކަތިގަނޑަކަށްވާ މަހަކަށް ހަދަމާތޯ: ރައީސް މައުމޫން

05 މާރިޗު 2025

|

އިސްމާއީލް ރާތިއު

ރޭގެ އިޙްޔާ ފޯރަމްގައި އަލް އުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވާހަކަދައްކަވަނީ-- ފޮޓޯ: މައުމޫން ފައުންޑޭޝަން

މި ރަމަޟާން މަހަކީ އަޅުގަނޑުމެން އެންމެން އިތުރަށް އެކުވެރިވެ، އެކަތިގަނޑަކަށްވާ މަހަކަށް ހެދުމަށް،ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މުސްލިމުންނަކީ އަޚުންތަކެއް ކަމަށާއި، މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވިކަމުގައި ވީނަމަވެސް އަރައިރުންވެ، އެކަކު އަނެކެއްގެ ލޭއޮހޮރުވާ ހަދައިގެން ނުވާނެ ކަމަށެވެ. އެކަމުގެ މައްޗަށް ދަލީލު ދައްކަވަމުން މާތްﷲގެ އަންނަނިވި ވަޙީ ބަސްފުޅު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ ‎﴿١٠﴾‏ (އަލް ޙުޖުރާތް) މާނައީ: "مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ."

ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނަކީ ޚިޔާލު ފާޅުކުރުމުގެ އުޞޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ދީނެއް ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އިންތިހާއަށް ދީފައިވާ ދީނެއް ކަމަށެވެ. އޭގެ ދަލީލެއް ކަމުގައި އެމަނިކުފާނު ދެއްކެވީ، އިސްލާމްދީނުގައި ބައިވަރު މަޛްހަބުތަކެއް އުފެދިފައި ހުރުމެވެ. އެމަނިކުފާނު ވިދާޅުވީ، ޙަނަފީ، މާލިކީ، ޙަންބަލީ އަދި ޝާފިޢީ މަޛްހަބުގެ އިތުރަށްވެސް ބައިވަރު މަޛްހަބުތައް ހުންނަ ކަމަށެވެ. އަދި މިކަން މިގޮތަށް ވަނީ އިސްލާމްދީނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްލެއް ބޮޑުކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުސްތާޛް މައުމޫން އިތުރަށް ވިދާޅުވީ ކިތަންމެ ބައިވަރު މަޛްހަބެއް އުފެދިފައި އޮތެއްކަމަކު އެއިކީ ބައިބައިވެގަތުން ނޫންކަމަށާއި އިސްލާމްދީން އެކަމަށް އެއްވެސް ވަރަކަށް ޖާގަ ނުދޭކަމަށެވެ. އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ‎﴿٤٦﴾‏ )އަލް އަންފާލް) މާނައީ: " އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ‎﴿١٠٣﴾ (އާލް ޢިމްރާން)

މާނައީ: " ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ."

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަކީ އުޚުއްވަތްތެރި ކަމަށް މަގުފަހިކޮށްދޭ މަހެއް ކަމަށާއި އެކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ވިސްނައިދޭ މަހެއްކަމަށެވެ. އަދި އުޚުއްވަތްތެރިކަމަށް ވާޞިލުވާނެ މަގު ރީތިކޮށް ބަޔާންކޮށްދޭ މަހެއް ކަމުގައެވެ.

އުސްތާޛް މައުމޫން އިތުރަށް ވިދާޅުވީ ރަމަޟާން މަހު ކީރިތި ޤުރްއާން ބާވައިލެއްވުމަކީ އެމަހަށް ލިބިދޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައާއި ވަރަށް ބޮޑު ޤަދަރެއް ކަމުގައެވެ. އެހެން މަސްތަކަކީވެސް ޤުރްއާނުގެ މަސްތައް ކަމަށްވިއަސް، ރަމަޟާން މަހު ޤުރްއާން މާވައިލައްވަން ފެއްޓެވުމުން އެކަމުގެ ސަބަބުން ރަމަޟާން މަހަށް ލިބިފައިވާ ޤަދަރު، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެކަމަށެވެ.

އަދި، ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވުމުގެ ސަބަބުން އެރެއަކަށް ޤަދަރާއި ޢިއްޒަތް ލިބިފައިވާ، އެރޭގައި ކުރާ އަޅުކަމުގެ ޘަވާބާއި ދަރުމަ، 1000 މަހުގެ އަޅުކަމާއި އެއްވަރު ވެގެންދާ ރެއެއް އެމަހުގައި ވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ މައްޗަށް ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތްތަކުން އެމަނިކުފާނު ދަލީލުދެއްކެވިއެވެ. 

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ‎﴿١﴾‏ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ‎﴿٢﴾‏ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾ (އަލް ޤަދްރު) މާނައީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."

ރަމަޟާން މަހަކީ، ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެއް ކަމަށާއި ވަރަށް ބަރަކާތްތެރި، އުފާވެރި، އަގުހުރި ފުރުޞަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން މުސްލިމުން ހެޔޮގޮތުގައި ކުރަން ޖެހޭނެ ކަމަށާއި އެއްގޮތަކަށްވެސް މިއީ ކުޑަ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު