ENGLISH
21 އޭޕްރީލު 2025
މުއައްސަސާތައް ޤާނޫނާ އެއްގޮތަށް ހިނގުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުމެއް ނޫން: ކޮންގުރެސް ޕާޓީ
05 މާރިޗު 2025
|
މުއައްސަސާތައް ޤާނޫނާ އެއްގޮތަށް ހިނގުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫންކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގުރެސް ޕާޓީ)އިން ބުނެފިއެވެ.
މިއަދު ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ، އެއް ބާރުން އަނެއް ބާރު ޖަވާބުދާރީކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަޤިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއްކަމަށެވެ. ހަމައެހެންމެ މި ނިޒާމު ރަނގަޅަށް ތަރުތީބުވެގެން ހިނގަމުންދިއުމަކީ ބާރުތަކުގެ މެދުގައި އޮންނަ ޖަވާބުދާރީކުރުވުމުގައި މުސްތަޤިއްލު މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވުންކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ތިން ބާރުގެ ތެރެއިން ޝަރުޢީ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުޢީ ބާރުން ނުވަނުންކަން ފާހަގަކޮށް، އެ ޕާޓީން ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުގައިވެސް އަދި މަޤާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫންކަމަށެވެ. އެއީ މުޅި ޖުޑީޝަރީގެ އިތުބާރު ގެއްލި ޝަރުޢީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެއްކަން ފާހަަގަކުރިއެވެ.
އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމުގައި ޢަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައިވެސް ގެންގުޅުއްވީ އެ މަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުތައްކަން ސާފުވެއްޖެކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި އިސްތިއުފާދެއްވަމުން އެވަގުތުވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވިކަމީ ފަނޑިޔާރު ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއް ކަމުގައި ޕީއެންސީން ދެކޭކަމަށް ވެސް ހާމަކޮށްފައިވެއެވެ.
"ފަނޑިޔާރު ސުޢޫދާމެދު އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް ޢަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުޞޫލުތަކުގެ ތެރެއިން، ފަނޑިޔާރަކާމެދު ޖިނާޢީ ތަޙުޤީޤެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ 2019 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނައީ 2 ވަނަ އިސްލާހުގައި ބަޔާންކުރަންޖެހޭ އިޖުރާޢަތެއް، އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭނެ ކަންކަންވެސް ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވޭ،" - ކޮންގުރެސް ޕާޓީ
މި ކަންކަމަކީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ފައިސަލާކުރަމުންދާތީ ހުއްޓެންޖެހޭ ކަންތައްތަކެއް ނޫންކަމަށާއި، މިއީ ވެރިކަމުގެ މިނިޒާމު ހަރުދަނާ ގޮތުގައި ހިނގާނަމަ، އެކަމެއް ފެންމަތިވުމާއެކު ހިނގަމުންދާންޖެހޭ ކަންކަންކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަޤިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިވެފައިވާ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ދެއްވާފައިވާކަމަށެވެ. އަދި އެއިން މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫންކަމަށާއި، އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދިއުންކަމަށް ވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ނެގެހެއްޓެވުމުގައި، އަދި މި ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދައްކަވަމުންދާ ނަމޫނާއަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ނަމުގައި މަރުޙަބާ ދަންނަވައި ޝުކުރު އަދާކޮށްފައިވެއެވެ.
ރިނާރަން ·