ENGLISH
21 އޭޕްރީލު 2025
ކްރެޑިޓް ނަގަން މަސައްކަތް ކުރެވިދާނެ، ނަމަވެސް ހަގީގަތް އޮޅުވާނަމަ އެކަން ހާމަކުރާނަން: ނަރީޝް
05 މާރިޗު 2025
|
މާލޭގައި ފެންހިންދުމަށް ގެނައި ދެ ޕަންޕް - ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކާމިޔާބު ކަމާއެކު ހިންގާ ކޮންމެ ކަމެއްގެ ކްރެޑިޓް ނަގަން ވެސް މަސައްކަތް ކުރެވިދާނެ ކަމަށާ ނަމަވެސް ކަމުގެ ހަގީގަތް އޮޅުވާލާނަމަ އެކަމެއްގެ ހަގީގަތް ހާމަކުރުމަކީ ޒިންމާއެއް ކަމަށާ އެކަން އެގޮތަށް ކުރައްވާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ މާލޭގައި ފެންހިންދުމަށް ގެނައި ދެ ޕަންޕާމެދު ހަގީގަތް އޮޅޭގޮތަށް އިދިކޮޅުން ވާހަކަދައްކަމުން ދާކަމަށެވެ. ފެންހިންދުމަށް ޕަމްޕުތައް ގެނައި ފަރާތާ މެދު އާންމުންގެ މެދުގައި ސުވާލު އުފައްދާ އެކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރި ނަމަވެސް އެއީ އެކަން ވީގޮތް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ.
އެގޮތުން ކައުންސިލްގެ އުސޫލަކީ ކައުންސިލުން ޚަރަދެއް ކުރާނަމަ ނުވަތަ ބަޖެޓުން ވެސް ކަމެއް ކުރާނަމަ އެކަން ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ކުރުމަށްފަހު މެޖޯރިޓީން ނިންމާ ގޮތެއްގެ މަތިން ކަންކުރުން ކަމަށެވެ. އަދި ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތުން އެ ޕަންޕުތައް ގަންނަން ނިންމީ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުގެ އެސްއޯއީއެއް މެދުވެރިކޮށް އެއްޗެހި ގެނެވޭ ކަމަށާ ޕަންޕުތައް ގަންނަން ނިންމީ އެގޮތުގެ މަތިން ކަމަށެވެ.
"އެހެންވީމަ ދެން މަގުތަށް ބަލަހައްޓާ ބަޔަކަށް މިތިބީ އާރްޑީސީ. އެހެންވެ އާރްޑީސީ މެދުވެރިކޮށް އެ ޕަންޕުތަކުގެ ކޯޓޭޝަން ގެނަސް، އެ ޕަންޕުތަކަށް ކައުންސިލުން ޕީއޯ ރެއިޒް ކޮށްފަ ކައުންސިލުން މިއަށް ޚަރަދުކުރާ ގޮތަށް ނިންމީ. މުޅި ނިންމުމަކީ ހަގީގަތުގައި ބުނާނަމަ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް މާލެ ސިޓީ ބާރުވެރިކުރުމަށްޓަކައި ރައީސް ނެންގެވި ޑިޒިޝަންއެއް މި ޑިޒިޝަނަކީ. " - މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް
ކައުންސިލް ގަވާއިދު ބުނާ ގޮތުން ބައްދަލުވުމަށް ކަންކަން އެޖެންޑާ ކުރައްވާނީ މޭޔަރު ކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ މޭޔަރަކަށް ހުންނެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމަށް ނިންމީ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށާ އެ ޕަންޕުތައް ގެނައުމަކީ ވަކި ބަޔަކު ކުރި ކަމެކޭ ބުނާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޮތަށް އަޅުގަނޑުމެންނަށް ރައީސް ލަފާފުޅުއެރުވީ ވެސް. އެހެންވީމަ އެކަން އެގޮތަށް ނިމިގެން އެ ދިޔައީ. ކޮންމެ ކަމެއްވެސް ވީމަ އޭގެ ކްރެޑިޓް ނަގަން މަސައްކަތް ކުރެވިދާނެ. އަޅުގަނޑުމެންނަށް މުހިއްމީ ރައްޔިތުންނަށް އެކަން ވުން. ރައީސަށް ވެސް މުހިއްމުވީ އަވަސް ހައްލެއް ރައްޔިތުންނަށް ލިބިގެންދިއުން. މީގަ ކްރެޑިޓް ނަގާކަށް ދުވާކަށް ނޫން މިއުޅެނީ. " - މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް
އެހެންކަމުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބަޔަކު ވާހަކަދެއްކި ނަމަވެސް އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފު ކޮށްދެއްވާނެ ކަމަށް ނަރީޝް ވިދާޅުވިއެެވެ.