ENGLISH

21 އޭޕްރީލު 2025

Advertisement

މާލެ ސިޓީ ކައުންސިލް ހިނގާތަން އެ ފެންނަނީ، ރައީސް މުއިއްޒު ކައުންސިލް ހިންގާނެ ފުރުސަތު ދެއްވީމަ: ނަރީޝް

05 މާރިޗު 2025

|

ޝާމަ ޝުޢައިބު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް - ފޮޓޯ: އެމްއެމްޓީވީ

މާލެ ސިޓީ ކައުންސިލް ހިނގަމުންދާތަން މިއަދު އެ ފެންނަނީ ކައުންސިލް ހިންގާނެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވަމުންދާތީ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ މިހާރުގެ ކައުންސިލް މެންބަރުން އެ މަގާމަށް އިންތިޚާބުވެވަޑައިގަތްއިރު ވެރިކަމުގައި އޮތީ އިދިކޮޅު އެމްޑީޕީން ކަމަށާ އޭރު ވެރިކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އެ ކައުންސިލާ ބައްދަލުނުކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް އަޑުއަހާލާކަށް ނުކެރުނު. ނުވިތާކަށް އަމިއްލަ ޕާޓީން އިންތިޚާބުވި ކައުންސިލަރުންނާ ވެސް ބައްދަލު ކޮށްލާކަށް ނުކެރުނު،" - މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް

ނަރީޝް ވިދާޅުވީ ނަމަވެސް އެއާ ޚިލާފަށް އޭރު މޭޔަރު ކަމުގައި ހުންނެވި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެއްވި ކަމަށެވެ. ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލްގެ އޮފީހަށް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވެރިއަކު ވަޑައިގެން ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވީ ވެސް މި ވެރިކަމުގައި ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެ ބައްދަލުވުމުުގައި ރައީސް ޑރ. މުއިއްޒު މެންބަރުންނާ ބައްދަލުކުރައްވާ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ އެމަނިކުފާނު އެކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ކައުންސިލަށް ދިމާވާ ދަތިތަކަށް ލުއިވާނެ ގޮތަށް ކަންކަން އިންތިޒާމް ކޮށްދެއްވި ކަމަށެވެ.

ނަރީޝް ވިދާޅުވީ މިއަދު މާލޭގެ މޭޔަރަކަށް ހުންނެވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް ދައުލަތުން ބާއްވާ ހުރިހާ ރަސްމިއްޔާތުތަކާ މިނިސްޓްރީތަކުން ބާއްވާ އެކިއެކި ކަންކަމުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. އޭގެއިތުރުން އެއްވެސް މިނިސްޓްރީއަކުން ކައުންސިލާ ގުޅިގެން ކުރަންޖެހޭ ކަމެއްގައި ކައުންސިލް ބާކީ ނުކުރާ ކަމަށާ ހުރިހާ މިނިސްޓްރީއަކުން ވެސް ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާއެކު ކަންކަން ކުރިއަށް ގެންދެވޭތޯ ބަލާކަން ފާހަގަކުރެވޭ ކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އެކިއެކި ޕްރޮޖެކްޓުތަކާ ހިންގާ އެކިއެކި މަޝްރޫއުތަކަށް ފަސޭހަވާނެ ހުރިހާ ގޮތެއް ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީތަކުން ކުރަމުންދާކަން ނަރީޝް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެކަން އޮތީ މިއާ މުޅިން އިދިކޮޅަށް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

"ކައުންސިލަށް ފަސޭހަވާނެ ހުރިހާ ގޮތެއް ހެދީމަ ކައުންސިލް ހިނގާތަން ފެންނާނެ ނޫންތޯ. ކައުންސިލް ހިނގާތަން އެ ފެންނަނީ، ދަތި ސަރުކާރުން ކުރާނަމަ ކައުންސިލް ނުހިނގާނެ. އަޅުގަނޑުމެން ހާދަ ހާލެއްގައޭ ކައުންސިލްގަ ތިބީ. އަޅުގަނޑުމެންނަށް ލިބެން އޮތް ލާރި {އޭރުގެ} ފިނޭންސް މިނިސްޓަރު އަމީރު އަށް އެނގޭނެ އެބޭފުޅާ އަޅުގަނޑުމެންގެ ލާރި ހިފެހެއްޓި މިންވަރު. އާދޭސް ކޮށްގެން ދެއިރު ދެދަޅަޔަށް އެތަނަށް ގޮސްގެން ވެދުން ސަލާމަށްފަހު ދަންނަވައިގެން އޭރު ކައުންސިލަށް ލިބެންޖެހޭ ލާރި ދޫކުރަނީ،" - މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް

ރައީސް ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި ކައުންސިލް ހިންގަން ޖެހުނީ އެހާލުގައިކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ މިއަދު ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ. އެގޮތުން ކައުންސިލުން ކަމަކަށް އެދިއްޖެނަމަ ވަގުތުން ވަގުތަށް އެކަމެއް ހަމަޖައްސައިދޭ ކަމަށާ މިއަދު މާލެ ސިޓީ ކައުންސިލް ހިނގާތަން އެ ފެންނަނީ ކައުންސިލް ހިނގާނެ ފުރުސަތު ރައީސް ޑރ. މުއިއްޒު ދެއްވާތީ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު