ENGLISH
21 އޭޕްރީލު 2025
ޖުޑީޝަރީއަށް އެމްޑީޕީން ދިން އަނިޔާއިން ދެތިން ސަފުހާ
05 މާރިޗު 2025
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތްކުރާ ކޮޓަރިއެއް،
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަަކީ އަދި ޝަރުއީ ދާއިރާއަކީ އަވައްޓެރި އެހެން ގައުމުތަކާ ހިލާފަށް ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. އެއީ އިސްތިއުމާރީ ބާރަަކުން އަޅުގަނޑުމެންނަށް ވާރުތަވި ނިޒާމެއް ނޫނެވެ. އެ ނިޒާމަކީ ދިވެހި ކާބަފަައިން ތެރެއިން އެއިރެއްގައި ރާއްޖޭގައި ތިބި އެންމެ ތައުލީމީ ބަޔަކަށް ފެނުނު ގޮތަކަށް ބައްޓަންކުރަމުން ރަނގަޅުކުރަމުން އައިސް މިއަދު މިފެންނަ ޒަމާނީ ޝަރުއީ ނިޒާމަށް ބަދަލުވެފަައި އޮތް ނިޒާމެކެވެ.
ދިވެހި ތާރީހުގެ ފަތްފުށްތަކަށް ބަލައިލުމުން ފެންނަން އޮތް ހަގީގަތަކީ ދާދި އިހަށް ދުވަހާ ޖެހެންދެންވެސް ދިވެހިން ޝަރުއީ ދާއިރާއަަށާއި، ފަނޑިޔާރުންނަށް ނުހަނު އިހުތިރާމުކުރި ކަމެވެ. ރަސްކަމުގެ ޒަމާނުގައި ފަނޑިޔާރު މަނިކުފާނަކީ ރަސްގެފާނުގެ ހާއްސަ ގަދަރާއި އިހުތިރާމު ލިބިވަޑައިގެން ހުންނަވާ ގައުމުގެ އަޝްރާފުންގެ ތެރޭގައި ގުނައިލެވޭ ގަދަރުވެރިއެކެވެ. ރައީސް އަަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަަސްތަކާ ހަމައަށްވެސް އެކަން އޮތީ މިގޮތުގައެވެ.
ރަށްރަށުގެ ގާޒީންނަކީ ކޮންމެ ރަށެއްގައިމެ އެންމެ އިހުތިރާމު ލިބިގެންވާ ގަދަރުވެރިންގެ ތެރޭގައި ގުނައިލެވޭ ރަށުގެ ކުދިބޮޑު އެންމެން އެމީހެއްގެ ލަފައާއި މަޝްވަރާ އަހާ މީހެކެވެ. މިކަން ބަދަލުކޮށްލީ އެމްޑީޕީންނެވެ.
ރައީސް މައުމޫނުގެ ވެރިކަން ނިންމައިލަން އެމްޑީޕީން ހިންގި ހަރަކާތްތަކުގެ އެއް އަމާޒުފައްގަނޑަކަށްވީ ޝަރުއީ ދާއިރާއެވެ. އެއިރުގެ ހުރިހާ ފަނޑިޔާރުންނަކީ އަނިޔާވެރިންކަމަަށް ސިފަކޮށް، ފަނޑިޔާރުންނާމެދު އެއިރު އުފެއްދި ނަފުރަތާއެކު ޒަމާންތަކެއް ވަންދެން ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާއަށް ދިވެހިންގެ މެދުގައި އޮތް ލޯތްބާއި އިހުތިރާމު ވިއްސިވިހާލިވީއެވެ.
އެމްޑީޕީން ރޯކުރި ޖަޒުބާތުގެ ހުޅުގަނޑުގައި ރޯވި ނަފުރަތުގައި ރަށްރަށުގައި ފަނޑިޔާރުންނަށް ޖިސްމާނީ އަނިޔާކުރިއެވެ. ޅ.ނައިފަަރު ގާޒީއަށް ހަމަލާދީ މާރާމާރީ ހިންގައި އެ ލިބުނު ޒަހަމްތަކުގައި ދުނިޔެ ދޫކުރެއްވީއެވެ. ޏ.ފުވައްމުލަކުގައި ފަނޑިޔާރަކު ފަތިސްނަމާދަށްފަހު ގެއަށް ވަޑައިގަންނަވަނިކޮށް ހަމަލާދީ ތަޅައިގަނެ ފައިންޕުޅު ބިންދައިލީއެވެ.
މިވަރުން ފުއްދައިލީއެއް ނޫނެވެ. އެއިރު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ގެކޮޅުގައި އަލުފާން ރޯކޮށް އެބޭފުޅާއަށްވެސް އެތައް ދުއްތުރާއަކާއި އަނިޔާއެއް ކުރިމަތިކުރިއެވެ.
މިއީ ރައީސް މައުމޫނުގެ ވެރިކަަމުގައި އެމްޑީޕީން ކަންކުރި ގޮތެވެ. އެމްޑީޕީން އުފެއްދި ނަފުރަތާއި ރުޅިވެރިކަމުގެ އޮއިވަރުގައި ރައީސް މައުމޫނުގެ ވެރިކަން ނިމިގެންދިޔައިރު، ޖުޑީޝަރީއަށް ދިވެހިންގެ މެދުގައި އޮތް އިހުތިރާމުވެސް ނިމިގެންދިޔައީއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޖުޑީޝަރީއަށް ކުރިމަތިވީ އާދަޔާޚިލާފު ގޮންޖެހުންތަކެކެވެ. އެ ދުވަސްވަރު ފަނޑިޔާރުންނަށް ދަައުލަތުން ދެމުން އަައި ރައްކާތެރިކަންވެސް ނިގުޅައިގަތީއެވެ. ފަނޑިޔާރުންގެ ގެކޮޅުތަކަށް ގޭންގު ހަދާފައި މީހުން ވަދެގަނެ ފަނޑިޔާރުންނަށް އަނިޔާކުރެވޭ ހިސާބަށް އެ ބޭފުޅުންނަށް ދީފައި އޮންނަ ރައްކާތެރިކަން ހީނަރުވިއެވެ.
އެވަރުން ފުދުނީއެއް ނޫނެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގައި ތަޅުވެސް އެޅުވިއެވެ. ސުޕްރީމް ކޯޓު ކުރިއަށްނުދީ ހުއްޓުވާފައި ބޭއްވިއެވެ.
ދެން ފެނުނީ އެއަށްވުރެ ތަފާތު މަންޒަރެކެވެ. ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ރަހީނުކޮށް ވީނުވީއެއް ނޭނގި ގެއްލުވައިލި މަންޒަރެވެ. ސިފައިން ފޮނުއްވައިގެން ކުރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ ގެންދެވި ތަނެއްވެސް ނާނގަވައި ބަންދުކުރައްވަައިގެން ގެންގުޅުއްވީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އަމުރުތަައް ބޮލާލައިޖެއްސެވުމަށްފަހުއެވެ.
އެންމެ ފަހުން ވެރިކަން އެމްޑީޕީ އަތުން ބީވެދިޔަ އެއް ސަބަބަކަށްވީވެސް ފަނޑިޔާރަކު ވަގަށް ނަންގަވައިގެން ބަަންދުކުރައްވައިގެން ރައީސް ނަޝީދު އެ ހިންގެވި އަމަލުތަކެވެ.
ވެރިކަން ބަދަލުވުމުން އެނގުނު ގޮތުގައި ނަޝީދު ނިންމަަވާފައި އޮތީ އެމްޑީޕީ ނުރުހޭ ހުރިހާ ފަނޑިޔާރުން ސިފައިން މެދުވެރިކޮށް ހައްޔަރުކޮށް ބަންދުކުރަައްވައިގެން ޝަރުއީ ދާއިރާއިން އެ ބޭފުޅުން އެކަހެރިކުރުމަށެވެ. ތަގުދީރުގެ ނިޔާއިން އެމަގަށް ކަންކަން ކުރެއްވޭނެ ގޮތް ފަހިނުވީއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނުތާ ހަތް ވަރަކަށް އަހަރު ފަހުން ދެވަނަ ބުރަށް ވެރިކަން ލިބުމުން ޖުޑީޝަރީއާމެދު އެމްޑީޕީން އަމަލުކުރީ އަދި މާ ނުބައިކޮށެވެ. ކުރިއާ ހިލާފަށް މި ފަހަރު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުވެސް ލިބުނީއެވެ.
މަޖިލީހުގެ އަޣުލަބިއްޔަތާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުވެސް ލިބުނީއެވެ. އެހިސާބުން ޖޭއެސްސީން ހިންގީ މިފަހުގެ ތާރީހުގައި ދިވެހި ދައުލަތުގެ މުއައްސަސާއަކުން ހިންގި އެންމެ ބޮޑު އެއް ޖަރީމާއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ ނަމުގައި، އެތަައް އަހަރެއްގެ ތެރޭގައި އެ ފަނޑިޔާރުން ބެއްލެވި މައްސަލަތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަކީ ޣައުރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ނިންމުންތަކެއްކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރީއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ކޯޓުތަކުގެ ސައްހަކަން ކަނޑައެޅުމުގެ އިޚުތިޞާޞު ނުވަތަ ބާރު އެއްވެސް ގޮތަކަށް ލިބިފައި އޮތް އިދާރާއެއް ނޫނެވެ. އަދި ފަނޑިޔާރުންގެ ނިންމެވުންތަކަކީ ސުލޫކީ މައްސަލައިގެ ގޮތުގައި ދުނިޔޭގެ އެއްވެސް ތަނެއްގައި ބަލާ މައްސަލަތަަކެއް ނޫނެވެ.
އެމްޑީޕީގެ ވެރިކަން ފެށުނުއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ބޭރުކުރިއެވެ. އެއްބައި ބޭފުޅުން ބޭރުކުރީ ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ސުލޫކީ މައްސަލައިގެ މިންގަނޑަށް ނުފެތޭ މައްސަލަތަކެއް ބެލުމަށްފަހުއެވެ. އަނެއްބައި ބޭފުޅުން ބޭރުކުރީ ބިރުދައްކައިގެން ރިޓަޔާކުރައްވަން މަޖުބޫރުކޮށްގެންނެވެ.
މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗަކީ އެއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް، ދުނިޔޭގެ ހުރިހާ ޤާނޫނީ ނިޒާމެއްގައި އަމަލުކުރަމުން އަންނަ މިންގަނޑުތަކާ ޚިލާފަށް، ފަނޑިޔާރުކަމުން ވަކިކުރުމަށްފަހު، އެމްޑީޕީ ބޭނުންވާ ގޮތަށް އެކުލަވައިލާފައިވާ ސުޕްރީމް ކޯޓެކެވެ.
މި ހަގީގަތްތަކަށް ބަލާއިރު މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަވެސް އެބައޮތެވެ. ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް އެކޯޓުގެ ކުރީގެ ފަނޑިޔާރުން ވަކިކުރުމުގެ މައްޗަށް ބިނާނުވާ ގޮތަކަށް މިހާރު އޮތް ކޯޓު ވުޖޫނުވާނެއެވެ. އެހެންކަމުން ސައްހަ ނޫން އިޖުރާއާތުތަކެއްގެ މައްޗަށް ބިނާކޮށް ވުޖޫދުކުރި ފަނޑިޔާރުންގެ ބެންޗަކަށްވާތީ އެ ބެންޗުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެއެވެ.
ދެން އޮތީ މި ބެންޗުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަަނޑިޔާރުންނަކީ ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ފަނޑިޔާރުކަން ކުރެއްވުމަށް ޝަރުތު ފުރިހަމަވާ ބޭފުޅެއްތޯ ކުރެވޭ ސުވާލެވެ. މިރާއްޖޭގައި ގާނޫނުތައް ހެދެނީ އިސްލާމީ ޝަރީއަތުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިންނެވެ. ގާނޫނެއްގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތް ކަންކަމުގައި އަމަލުކުރާނީ އިސްލާމީ ޝަރީއަތަށެވެ. މިއީ ގާނޫނުއަސާސީން އެކަށައަޅާފައިވާ ހަމަތަކެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުތައް މާނަކުރުމާއި، ގާނޫނުތަކުގެ ދުސްތޫރީ ރަގާބަތު/ ކޮންސްޓިޓޫޝަނަލް ރިވީއު ހިންގުމުގެ ޒިންމާ މަތިވެފައިވާ ކޯޓުގެ ބެންޗުގައި އިސްލާމީ ޝަަރީއަތް އެއްވެސް މިންވަަރަކަށް އެނގިވަޑައިނުގަންނަވާ އަދި ކިއެއްތަ އެ ޝަރީއަތާމެދު ޝައްކުގެ ނަޒަރުން ބައްލަވާ ބޭފުޅުންވެސް ހިމެނިިވަޑައިގަންނަވައެވެ. އެހެންކަމުން މި ފަނޑިޔާރުންގެ މަޖިލިސް އެގޮތުގައި ދެމެހެއްޓުމަކީ ރަނގަޅު ގޮތެއްތޯ ސުވާލު އުފެދެއެވެ.
މިއަދު އިދިކޮޅު އެމްޑީޕީން ޖުޑީޝަރީ ހިމާޔަތްކުރުމުގެ ވާހަކަދައްކާއިރު، އެ ޕާޓީ ވުޖޫދުވި ދުވަހުން ފެށިގެން ޖުޑީޝަރީއަށް ދިން އަނިޔާއާއި ގެއްލުމުގެ ވާހަކައަކީ ހަނދާން ނައްތާލައިގެންވާނެ ވާހަކަތަކެއް ނޫނެވެ.