ENGLISH
21 އޭޕްރީލު 2025
މަޖިލީހަށް ސަރުކާރުގެ ވެރިން ހާޒިރުކުރަން ރައީސްގެ ހުއްދަ ހޯދަންޖެހޭ ވާހަކައަކީ ދޮގެއް: ޕީއެންސީގެ ޕީޖީ
05 މާރިޗު 2025
|
ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުއްދަ ނެތި، ސަރުކާރުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކުރަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕަށް އެންގިކަމަށް ބުނެ ނޫސްތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ސީނިއާ ނައިބު ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެގޮތަށް އެންގެވީ މިދިޔަ ހަފްތާގައި އޮތް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި، ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހެވެ.
ނޫސްތަކުގައި ފެތުރި ދޮގު ޚަބަރާއި ގުޅޭގޮތުން މެމްބަރު އިބްރާހީމް ފަލާހް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ 'ކަނޑައެޅިގެން ދޮގެއް' ކަމަށެވެ.
ޕީޖީ ގްރޫޕުގެ ސީނިއާ ނައިބު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ވެސް އެކަން ދޮގުކުރައްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނޫސްތަކުގައި ފެތުރީ 'ބުހުތާނު ދޮގެއް' ކަމަށެވެ.
"މަޖިލީހަށް ހާޒިރުކުރަންޖެހޭ މީހުން ނިންމާނީ މަޖިލީހުން. އެފަދަ ކަމެއް ޕީއެންސީ ޕީޖީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނާންގަވާ. ނުވެސް އަންގަވާނެ،" އިބްރާހީމް ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އިބްރާހީމް ޝުޖާޢު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިންނާއި މި ސަރުކާރުގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފަސްނުޖެހޭނެ ކަމަށެވެ.