ENGLISH

21 އޭޕްރީލު 2025

Advertisement

ގެމްބިއާއިން ރޮހިންޖާ މުސްލިމުންގެ ހައްގުގައި ހުށަހެޅި މައްސަލައިގަ ރާއްޖޭގެ އޮބްޒަވޭޝަންތައް ހުށަހަޅައިފި

05 މާރިޗު 2025

|

އިސްމާއީލް ރާތިއު

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް-- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖެއިން ލިޔުމުން ހުށަހަޅާ އޮބްޒަވޭޝަންސް ހުށަހަޅައިފިއެވެ.

11 ނޮވެމްބަރ 2019 ވަނަ ދުވަހު ދަ ގެމްބިއާ އިން، މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުން ކުރިއަށް ގެންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން އައިސީޖޭ އަށް ހުށަހަޅާފައިވާ މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވާން އެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން ވަނީ 3 ފެބްރުވަރީ 2024 ގައި އައިސީޖޭއިން ބަލައިގަނެ، ދިވެހިރާއްޖެއިން ތަދައްޚުލުވާ މަޢުޟޫއާ ގުޅޭގޮތުން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހަޅަން ދަޢުވަތުދީފައެވެ.

މި މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތްޕުޅުން ހުށަހެޅި އޮބްޒަވޭޝަންސްގައި އަލިއަޅުވާލައްވާފައިވަނީ، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. އެގޮތުން އެމުޢާހަދާގެ 1،4،5 އަދި 6 ވަނަ މާއްދާގެ ދަށުން "ޑިއުޓީ ޓު ޕްރިވެންޓް ޖެނޮސައިޑް" ނުވަތަ، ނަސްލު ނައްތާލުމުގެ ކުށް މަނާކުރުމުގެ ޒިންމާ، މާނަ ކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވާފައެވެއެވެ.

ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ 1 ވަނަ މާއްދާ:

އަމްނުގެ ވަގުތުގައި ހިންގިކަމުގައި ވިޔަސް، ހަނގުރާމައިގެ ވަގުތުގައި ހިންގިކަމުގައި ވިޔަސް، ޤަތުލު ޢާންމު ހިންގުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެއް ކަމަށާއި، އެކަން ހުއްޓުވާ އެކަމަށް އަދަބު ދިނުމަށް މުޢާހަދާގެ ބައިވެރީން އެއްބަސްވެއެވެ.

ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ 4 ވަނަ މާއްދާ:

އެމީހަކީ ޤާނޫނީ، ޒިންމާދާރު ވެރިއެއްކަމުގައި ވިޔަސް، ޕަބްލިކް އޮފިޝަލެއް ކަމުގައި ވިޔަސް، ނުވަތަ ޢާންމު ފަރުދެއް ކަމުގައި ވިޔަސް، 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް:

1. ޤަތުލު ޢާންމު ހިންގުން

2. ޤަތުލު ޢާންމެއް ހިންގުމަށް ރޭވުން

3. ސީދާ ގޮތެއްގައި އަދި ފާޅުގައި ޤަތުލު ޢާންމު ހިންގުމަށް ހިތްވަރުދިނުން 

4. ޤަތުލު ޢާންމެއް ހިންގުމަށް މަސައްކަތްކުރުން

5. ޤަތުލު ޢާންމެއް ހިންގުމުގައި ބައިވެރިވުން

ކޮށްފިނަމަ އެމީހަކަށް އަދަބު ދެވޭނެއެވެ.

ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ 5 ވަނަ މާއްދާ:

އެޤައުމެއްގެ ޤާނޫން އަސާސީގެ ދަށުން، ނުވަތަ ގުޅުންހުރި ޤާނޫނެއްގެ ދަށުން އެވަގުތު ޢަމަލުކުރާ މުޢާހަދާގެ މާއްދާތަކަށް ބާރުދިނުމަށާއި، ވަކީން ޚާއްޞަކޮށް ޤަތުލުޢާންމު ހިންގިކަން ނުވަތަ 3 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ހިންގިކަން ސާބިތުވެފައިވާ މީހަކަށް ކުށާއި އެއްފަދަ އަދަބެއް ދިނުމަށް މުޢާހަދާގެ ބައިވެރީން އެއްބަސްވެއެވެ.

ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ 6 ވަނަ މާއްދާ:

ޤަތުލު ޢާންމުގެ ކުށް، ނުވަތަ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނީ އެކުށެއްކުރި ސަރަހައްދުގެ ދައުލަތުން ކަނޑައަޅާ ޤާބިލު ޓްރައިބިއުނަލަކުން ނުވަތަ އެޓްރައިބިއުނަލެއްގެ އިޚްތިޞާޞް، މުޢާހަދާގެ ބައިވެރީން ބަލައިގެންފައިވާ ބައިނަލްއަޤްވާމީ ޓްރައިބިއުނަލް ޕެނަލަކުންނެވެ.

މިޔަންމާއިންވަނީ ރޮހިންޖާ މުސްލިމުންނަށް 1982 ގެ ސިޓިޒަންޝިޕް ލޯ ގެ ދަށުން އެޤައުމުގެ ރަށްވެހިކަން ދިނުމަށް ދެކޮޅުހަދާފައެވެ. އެހެންކަމުން އެމީހުން ވެފައިވަނީ އެއްވެސް ދައުލަތެއްގެ ދަށަށް ނުވަންނަ އެންމެ ބޮޑު އެއް ޖަމާޢަތަށެވެ. މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި 2017 ވަނަ އަހަރު ފިލައިގެން އެގައުމުން ނިކުމެ، ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ދިރިއުޅެއެވެ. 

ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައިގައި ވަނީ، ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައެވެ.  

ކިޔުންތެރިންގެ ހިޔާލު