ENGLISH
21 އޭޕްރީލު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުން، އެތަކެތީގެ ހައްޤުތައް ކަށަވަރުކުރެވޭނެ: މެމްބަރުން
04 މާރިޗު 2025
|
މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަކީ ޖަނަވާރުންގެ ޙައްޤުތައް ރައްކާތެރިކޮށް އެތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާ ނުހަނު މުހިއްމު ބިލެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން މަޖިލީހަށް ހުށަހެޅުއްވި، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް، ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލިސް
ބިލް ހުށަހަޅުއްވަމުން، ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، ބިލުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ޖަނަވާރު ވިއްސާ އާލާ ކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުން ކަމަށެވެ. މީގެ އިތުރުން ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި އަދި، ވިއްސާ އާލާކުރުމުގައި ޖަނަވާރުގެ ޞިއްޙަތާ ގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މުހިއްމު ކަމެއްކަމުގައި މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި ދިވެހިރާއްޖޭން ބޭރަށް ގެންދިއުމާއި ގުޅޭ އުޞޫލުތަކުގެ މިންގަނޑުތައް ކަނޑައެޅުމަކީވެސް މި ބިލް ހުށަހެޅުއްވުމުގެ ސަބަބެއްކަމުގައި މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ފާހަގަކުރެއްވިއެވެ.
""އަޅުގަނޑު މިއަދު މި ހުށަހަޅާ ބިލަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ހުށަހަޅާ އެނިމަލް ވެލްފެއާ ބިލް. މި ބިލަކީ ޖަނަވާރުންގެ ޙައްޤުތައް ރައްކާތެރިކޮށް އެތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާ ނުހަނު މުހިއްމު ބިލެއް. މި ބިލް ޤާނޫނަކަށްވެ ތަންފީޛުވެގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބިގެންދާނެ ކަމެއްކަމަށް އަޅުގަނޑު ޔަގީންކުރަން""
މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ބަޔޯ ޑައިވާސިޓީ ހިމާޔަތްކުރުމަށްޓަކައި މި ބިލަކީ މުހިއްމު ބިލެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި، އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 14 އަދި 15 ވަނަ ލަނޑުދަނޑިއާ ގުޅުންހުރި ކަންކަން ޙާޞިލްކުރުމަށްވެސް މި ބިލް ބާރުއަޅާކަން މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ޖަލްސާގައި ވާހަކަދައްކަވަމުން އއ. މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވީ، އިއްޔެ ފާސްކުރި ބިލަކީ ޖަނަވާރުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ސަރުކާރަކުން ހުށަހެޅި ފުރަތަމަ ބިލު ކަމަށެވެ.
""ބަވަނަވެފައިވާ ދުނިޔޭގެ ޤައުމުތަކުގައި ކަންކަން ހިންގާ ކަންކަން ކުރާ އުޞޫލަށް، ޚާއްޞަކޮށް ޖަނަވާރުންނަށް އަދި ދޫނިސޫފާސޫތްފަށް ރައްކާތެރިކަމާއި އަދި އެ ކަށަވަރުކަން ދިނުމާ ބެހޭގޮތުން މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ވަނީ ޤާނޫނުތަކާއި އުޞޫލުތައް ހެދިފަ" "
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ، ޒަމާނަށް ބަލާއިރު މިއީ އަންނަންޖެހޭ ބިލެއް ކަމަށާއި، ގިނަ އަދަދެއްގެ ޒުވާނުން އެދެމުންދަނީ އެ ޒުވާނުން އެކުގައި ގެންގުޅޭ ޖަނަވާރާއި ދޫނިސޫފާސޫފި އަދި މަސްމަހާމެހި ފަދަ އެއްޗިއްސަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިގެންދިއުން ކަމަށެވެ. އަދި ފަސޭހަކަމާއެކީގަ ޤާނޫނީ އިމުގެ ތެރެއިން މިތަކެތި ގެންގުޅުމުގެ އުޞޫލުތަކެއް ކަނޑައެޅިގެން ދިއުން ޒުވާނުން އެދޭކަމަށް މެމްބަރު ޢަބްދުﷲ ރިފާޢު ވިދާޅުވިއެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންވި 43 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ބިލް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުއްވާފައިވާކަމަށެވެ.