ENGLISH
21 އޭޕްރީލު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ބަލައިގެންފި
04 މާރިޗު 2025
|
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލިސް
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން މިއަދު މަޖިލީހަށް ހުށަހެޅުއްވި، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް، ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ހުށަހެޅުއްވި ބިލް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލް ބަލައިގަތުމާއެކު، ބިލް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވަން ނިންމަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ހުށަހަޅުއްވަމުން، މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، ބިލް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސާ އާލާ ކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުން ކަމަށެވެ. މީގެ އިތުރުން ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި އަދި، ވިއްސާ އާލާކުރުމުގައި ޖަނަވާރުގެ ޞިއްޙަތާ ގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މުހިއްމު ކަމެއްކަމުގައި މެމްބަރު ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި ދިވެހިރާއްޖޭން ބޭރަށް ގެންދިއުމާއި ގުޅޭ އުޞޫލުތަކުގެ މިންގަނޑުތައް ކަނޑައެޅުމަކީވެސް މި ބިލް ހުށަހެޅުއްވުމުގެ ސަބަބެއްކަމުގައި މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިއަދު މި ހުށަހަޅާ ބިލަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް
ފުރަތަމަ ފަހަރަށް ހުށަހަޅާ އެނިމަލް ވެލްފެއާ ބިލް. މި ބިލަކީ ޖަނަވާރުންގެ ޙައްޤުތައް
ރައްކާތެރިކޮށް އެތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން
ހުށަހަޅާ ނުހަނު މުހިއްމު ބިލެއް. މި ބިލް ޤާނޫނަކަށްވެ ތަންފީޛުވެގެންދިއުމަކީ
ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބިގެންދާނެ ކަމެއްކަމަށް
އަޅުގަނޑު ޔަގީންކުރަން" -
މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ބަޔޯ ޑައިވާސިޓީ ހިމާޔަތްކުރުމަށްޓަކައި މި ބިލަކީ މުހިއްމު ބިލެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި، އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 14 އަދި 15 ވަނަ ލަނޑުދަނޑިއާ ގުޅުންހުރި ކަންކަން ޙާޞިލްކުރުމަށްވެސް މި ބިލް ބާރުއަޅާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ބިލް ހުށަހަޅުއްވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ވަނީ ބިލް ފަރުމާކޮށްފައިވާ ގޮތް ތަފްޞީލްކޮށްދެއްވައިފައެވެ. އެގޮތުން ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި 11 ބާބު ހިމެނޭއިރު، އޭގެތެރޭގައި ޖަނަވާރުގެ ރައްކާތެރިކަމާއި ގުޅުންހުރި މުހިއްމު ކަންކަން ވަނީ ހިމަނުއްވައިފައެވެ.
ބިލުގެ ބާބުތަކަށް ބަލާއިރު، ޖަނަވާރު އެތެރެކުރުމުގައި ޢަމަލުކުރެވޭނެ މައިގަނޑު އަސާސްތަކާއި، ޖަނަވާރު އެކްސްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމުގެ އުޞޫލުތައް ވަނީ ހިމަނައިފައެވެ. އަދި، ޖަނަވާރުގެ ކާނާއާ ގުޅުންހުރި ކަންކަމާއި، ޖަނަވާރަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ބިލުގައި ހިމަނާފައިވެއެވެ. ޖަނަވާރު ގެންގުޅޭ ތަންތަން އިންސްޕެކްޓް ކުރާނެ ގޮތްތައްވެސް ބިލުގައި ހިމެނޭނެކަމަށް، ބިލް ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުއްރަޙްމާން ދެއްކެވި ވާހަކައިގައި ވިދާޅުވިއެވެ.
ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ، އެ ބިލަކީ ރާއްޖެއަށް ވަރަށް މުހިއްމު ބިލެއް ކަމަށާއި، ބިލުގެ ސަބަބުން ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކަން ފަސޭހަވެގެންދާނެކަމަށް ވިދާޅުވެފައެވެ.