ENGLISH
21 އޭޕްރީލު 2025
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅާއިރު ލިޔެވޭ މިންވަރު އިތުރުކޮށްދީފި
04 މާރިޗު 2025
|
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހަޅާއިރު ޕޯޓަލްގައި ލިޔެވޭ މިންވަރު މާދަމާ އިން ފެށިގެން ދެ ގުނަ ކުރަން ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޡީމް ވިދާޅުވީ މިދިޔަ ހަތަރު ދުވަސްތެރޭ ފްލެޓް ލިސްޓަށް ހާހަކަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. ނަޡީމް ވިދާޅުވި ގޮތުގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޯޓަލް މެެދުވެރިކޮށް ޝަކުވާ ހުށަހަޅާއިރު ލިޔެވޭ މިންވަރު މަދުވުމެވެ.
"މިހާރު އޮތް ގޮތުން މި ލިޔެވެނީ 1500 ލަފުޒު. އަޅުގަނޑުމެން އެހެންވީމަ މިހާރު ނިންމާފައި މިވަނީ މާދާމާ އިން ފެށިގެން އެ އަދަދު ދެގުނަ ކުރަން. އެހެންވީމަ ޖުމްލަ 3000 ލަފުޒު ލިޔެވޭނެ ދެން،" ނަޡީމް ވިދާޅުވި އެވެ.
ނަޡީމް ވިދާޅުވީ ލިސްޓުން ގިނަ މީހުން އުނިވި އެއް ސަބަބަކީ މާލޭގައި އުޅުނު މުއްދަތު 15 އަހަރު ކަމަށް ސާބިތުކޮށްދޭން އެކަށީގެންވާ ލިޔުންތައް ނެތުން ކަމަށް ވުމުން ބައެއް މީހުން އަލުން ލިޔެކިޔުންތައް ހުށަހަޅަން އެދެމުންދާ ކަމަށެވެ. ނަމަވެސް އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުވާތީ އެ ފުރުސަތު ދޭން ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޔަގީންކަން ދެއްވީ ކޮންމެ ޝަކުވާއެއް ވެސް ރަނގަޅަށް ދިރާސާކޮށް އެއްވެސް ރައްޔިތެއްގެ ޙައްޤެއް ގެއްލޭނެ ފަދަ ކަމެއް ނުކުރާނެ ކަމެވެ. ނަޡީމް ވިދާޅުވީ ލިސްޓަށް ބަދަލު އަތުވެދާނެ ފަދަ ކޮންމެ ޝަކުވާއެއް ރަނގަޅަށް ދިރާސާ ކުރާނެ ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު އިތުރު ޑޮކިއުމަންޓް ބަލަން ޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ލިސްޓު ސައްހަ ކުރުމުގައި މިނިސްޓްރީން ބަލާފައިވާނީ ދެ ކަމަކަށް ކަމަށެވެ. އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި، ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަށެވެ.
ޝާއިއުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއް ނަމަ އެ ފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 4004911 އަދި 4004910 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.