ENGLISH
21 އޭޕްރީލު 2025
ފުވައްމުލައް ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިނެއް ފޯރުކޮށްދީ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ
04 މާރިޗު 2025
|
ފުވައްމުލަކަށް ގެންދިޔަ ސީޓީ ސްކޭން މެޝިން އެ ހޮސްޕިޓަލުގައި، ވަރަށް އަވަހަށް ޚިދުމަތް ފަށާނެ. ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް
ފުވައްމުލައް ސިޓީގެ ޞިއްޙީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން، އެ ސިޓީއަށް ސީޓީ ސްކޭން މެޝިނެއް ފޯރުކޮށްދީ، ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އިއްޔެ އެ ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިން ފޯރުކޮށްދިނީ ޞިއްޙީ ވުޒާރާއިންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އިއްޔެ ސީޓީ ސްކޭން މެޝިން އެ ހޮސްޕިޓަލަށް ލިބިފައިވާކަމަށާއި، އެއީ އެ ސިޓީގެ ޚިދުމަތް ރަނގަޅުކޮށް، ޒަމާނީ ޑައިގްނޯސްޓިކް ކެއާ ގެނައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސިޓީ ސްކޭން މެޝިނުގެ ފައިނަލް އިންސްޕެކްޝަން މިހާރު ނިމިފައިވާ ކަމަށާއި، ހޮސްޕިޓަލާއި ޞިއްޙީ ވުޒާރާގެ ޓީމުން މިހާރު ދަނީ އެ ޚިދުމަތް ވީހާވެސް އަވަހަކަށް ޤާއިމުކޮށް، ތަޢާރަފް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މަސައްކަތް ނިމުނުހާ އަވަހަކަށް ސީޓީ ސްކޭންގެ ޚިދުމަތް ފަށާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމުގެ ތެރެއިން ސީޓީ ސްކޭންގެ ޚިދުމަތް ލިބެން ނެތުމަކީ ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމެކެވެ.
މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ޞިއްޙީ ނިޒާމް ތަރައްޤީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އެގޮތުން، ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކޮށް މިހާރު ވަނީ ޓާޝަރީ ފެންވަރަށް ބަދަލުކޮށްފައެވެ.