ENGLISH

21 އޭޕްރީލު 2025

Advertisement

ރަމަޟާންމަހު ހިންގާ ދީނީ ހަރަކާތްތަކުގެ އިސް ސަފުން ޒުވާން މޫނުތަކެއް ފެނިގެންދާނެ: ވުޒާރާ

04 މާރިޗު 2025

|

އިސްމާއީލް ރާތިއު

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ޢަބްދުލް ޢަޒީޒް ވާހަކަދައްކަވަނީ: ފޮޓޯ:އެމްއެމް

ދީނީ ކަންކަމަށް އަހުލުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ޢަޒީޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޢަބްދުލްޢަޒީޒް ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވުޒާރާއިންކުރި މަސައްކަތްތަކުގެ ތެރޭގައިވެސް ދީނީ ކަންކަމުގެ އިސް ސަފުގައި ތިބޭނެ ޒުވާނުންތަކެއް ބިނާކުރަން އިސްކަންދީފައިވާނެ ކަމަށެވެ. އެގޮތުން، ތަރާވީޙް ނަމާދު އިމާމުވެކުރާނެ ޒުވާން ހާފިޒުން ހޯދުމަށް، ސީދާ ވަޒީރު ޒުވާން ހާފިޒުންނާ ބައްދަލުކުރައްވާފައިވެއެވެ. އޭގެތެރެއިން ހޮވާލެވުނު ފާހަގަކޮށްލެވޭ ފަސް ހާފިޒަކަށްވަނީ މާލޭގެ އެންމެ ބޮޑު ދެ މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޢަބްދުލް ޢަޒީޒް ވިދާޅުވީ މިކަމަކީ ތަރާވީޙް ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ.

"އެއީ، މިސްކިތްތަކަށް ތަރާވީޙް ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާކަން ފާހަގަކުރެވޭ. އަދި ރީތި ރާގުތަކަށް ކިޔަވާ ޒުވާން ހާފިޒުން ކިޔަވާ އަޑު، އަޅުގަނޑުމެން ދިވެހި ޒުވާނުން ކިޔަވާ އަޑު އިވުމަކީ ހަމަ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަޖެހިގެންދާނެ ކަމެއް ކަމަށް ބެލެވޭ" ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން އިންތިޒާމުކޮށްގެން ބޭއްވި ނޫރުލް އަޛާން ބަންގި މުބާރާތުގެ ވާހަކަވެސް އޭނާ ފާހަގަކުރެއްވިއެވެ. މި މުބާރާތުގެ ޛަރީޢާއިން ރީތި ރާގުތަކަށް ބަންގިގޮވާ، ޤަމަތްދޭ ޒުވާނުންތަކެއް ބިނާކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުން އެންމެ ބޮޑު ކާމިޔާބީތައް ހޯދި ބައިވެރިންނަށް ބޮޑެތި މިސްކިތްތަކުގައި ބަންގި ގޮވުމުގެ ފުރުސަތު ހޯދައިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ހިންގި އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމަށްވާ ޒުވާން ޚަޠީބުން ބިނާކުރުމުގެ ޕްރޮގްރާމުގެ ވާހަކަވެސް ޢަބްދުލްޢަޒީޒް ފާހަގަކުރައްވާ، ކުރިއަށް އޮތްތަނުގައި ވެސް މި ޕްރޮގްރާމް ހިންގާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު