ENGLISH

21 އޭޕްރީލު 2025

Advertisement

މި ރަމަޟާން މަހު 35 މިސްކިތެއްގައި 297 ދަރުސް ދޭނެ

04 މާރިޗު 2025

|

އާމިނަތު މައިހާ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، ޢަބްދުލްޢަޒީޒް އިސްމާޢިލް ވާހަކަދައްކަވަނީ / ފޮޓޯ: އެމްއެމްޓީވީ

މި ރަމަޟާން މަހު މާލޭގެ 35 މިސްކިތެއްގައި 297 ދަރުސް ދޭން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، ޢަބްދުލްޢަޒީޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ. 

ޢަބްދުލްޢަޒީޒް އިސްމާޢިލް މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އިސްލާމީ މަރުކަޒާއި މަލިކް ސަލްމާން މިސްކިތާއި މާފަންނުގެ މިސްކިތަކާއި މައްޗަންގޮޅީ އަދި ހެންވޭރު އެއް މިސްކިތުގެ އިތުރުން ހުޅުމާލެ ފޭސް އެކެއް، ފޭސް ދޭއް އަދި ވިލިމާލެ މިސްކިތެއްގައި ދަރުސް ޕްރޮގްރާމް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައުޓްރީޗް ޕްރޮގްރާމްގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޢަބްދުލްޢަޒީޒް ވިދާޅުވީ، ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮގްރާމް އޮންނާނެ ތަން މީޑިއާ މެދުވެރިކޮށް އަންގަވާނެކަމަށެވެ.

ހަމައެހެންމެ ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ޒަކާތު ހައުސްއިން މިހާރު ހަމަޖައްސަވައި، ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. 

"މިހާރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން، ހެނދުނު ގަޑީގަ ޒަކާތް ބަލައިގަތުން ކުރިއަށް ގެންދެވޭނެ.، އަދި އޭގެއިތުރަށް އޮންލައިންކޮށް ޒަކާތްދެއްކޭނެ ނިޒާމުތައް ވެސް މިހާރުވާނީ ހަމަޖެހިފަ، އެހެންވީމާ އަޅުގަނޑުމެން މި އުންމީދުކުރަނީ ގާތް ކުރިމަގެއްގަ ހުރިހާ މިސްކިތްތަކެއްގަ ވެސް ކިއުއާރް ކޯޑް ރީޑާ ބަހައްޓާ ފަސޭހައިން ޒަކާތް ދެއްކުމުގެ ނިޒާމް ކުރިއަށް ގެންދަން  " - އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، ޢަބްދުލްޢަޒީޒް އިސްމާޢިލް

އަދި އޮންލައިންކޮށް ޒަކާތް ދެއްކޭނެ ނިޒާމުތައް މިހާރު ހަމަޖެހިފައިވާކަމަށާއި، ޒަކާތް ދެއްކުމަށްޓަކައި އޮންލައިން ޕްލެޓްފޯމްތައް ޤާއިމްކުރެވިފައިވާ ކަމަށް ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. 

ފިތުރު ޢީދަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް، ވިއްސާރަ ނޫން ނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ބޮޑެތި މައިދާންތަކުގައި އީދު ނަމާދުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. 

އަތޮޅުތެރޭގައި ރަމަޟާން މަހާއި ދިމާކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާވައިގެންނާއި ރަށްރަށުގެ ކައުންސިލްތަކުން އެދިގެންވެސް ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ ކަމަށް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުން ވަރަށް ކާމިޔާބުކަމާއެކު، އެބޭފުޅުންގެ އަމިއްލަ އިޙްޔާ ފޯރަމް ކަހަލަ ފޯރަމްތައް ވެސް ކުރިއަށްގެންދާ ކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. 

މިފަދަ ކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވުޒާރާގެ ފަރާތުން ފާހަގަކުރާ ކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު