ENGLISH
21 އޭޕްރީލު 2025
މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި ތަޅުމުގައި ކުރެވޭ މަސައްކަތެއް ނޫން: އަބްދުއްރަހީމް
04 މާރިޗު 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި މަޖިލީހުގެ ތަޅުމުގައި ކުރެވޭ މަސައްކަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރަމަޟާން މަހުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަރަށް އަވަހަށް ކުރުކޮށް ނިމޭތީ ގިނަ ބަޔަކު މަޖިލީހަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް މަޖިލީހުގައި ހިނގަމުންދިޔަ ބަހުސް މެދުކަނޑައިލެއްވުމަށްފަހު ވިދާޅުވީ މެންބަރުންނާއި ރައްޔިތުންގެ ސަމާލުކަމަށްޓަކައި މުހިއްމު ވާހަކައެއް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ކަމަކީ މަޖިލީހުގައި ކުރާ މަސައްކަތަކީ ހަމައެކަނި ތަޅުމުގައި ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމެވެ.
"ރަައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި މަޖިލީހުގެ ތަޅުމުގައި މިކުރާ ބަހުސްގެ މައްޗަށް ބިނާވެފައި ހުންނަ މަސައްކަތެއް އެކަންޏެއް ނޫން. މަޖިލީހުގެ މައިގަނޑު މަސައްކަތް މިކުރެވެނީ މަޖިލީހުގެ ކޮމިޓީތަކުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ މިއަދުވެސް މަޖިލީހުގެ ފަސް ކޮމިޓީއެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި އެ ފަސް ކޮމިޓީގެ ހުރިހާ މެންބަރުން ކޮމިޓީގައި މަޝްޣޫލުވެވަޑައިގެން އުޅުއްވާނަމަ، އެ މަސައްކަތުގައި 55 މެންބަރުން އުޅުއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ތަޅުމުގެ މަސައްކަތް ނިމުމަކީ މަޖިލީހުގެ މަސައްކަތް ނިމުން ނޫންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އަވަހަށް މަޖިލީހުގެ ތަޅުމުގެ މަސައްކަތް ނިމުމަކީ މެންބަރުންގެ ޒިންމާ އަދާކުރެއްވުމަށް ކޮމިޓީތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަތުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.