ENGLISH
21 އޭޕްރީލު 2025
ކަސްޓަމަރުންނާ ބޭއަދަބީކޮށް މުއާމަލާތް ކުރާ ޑްރައިވަރުންނަށް "އަވަސް އެޕް" ބޭނުންނުކުރެވޭނެ
04 މާރިޗު 2025
|
ފޮޓޯ: ދަ ޕްރެސް
ބޭއަދަބީކޮށް ފަސިންޖަރަކާ ވާހަކަދެއްކި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލައި، އެ ޑްރައިވަރަށް އަވަސް އެޕު ބޭނުން ނުކުރެވޭ ގޮތް ހަދައި އޭނާއާމެދު އަވަސް އެންޓަޕްރައިޒެސްއިން ފިޔަވަޅު އަޅައިފި އެވެ. އަވަސް އެޕަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ޓެކްސީގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ އެއް އެޕްލިކޭޝަނެވެ.
އަވަސް އެޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެޕް ބޭނުން ކުރާ ޑްރައިވަރެއް، ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ފަސިންޖަރާ ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލަ އެ އެޕް މެދުވެރިކޮށް އެ ކުންފުންޏަށް ލިބުނު ކަމަށެވެ.
އެ ޝަކުވާގައި ފަސިންޖަރު ދާން ބޭނުންވި ތަނަށް ގެންގޮސްނުދިންކަން ފާހަގަކުރިކަމަށް އަވަސް އެންޓަޕްރައިޒެސްއިން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ދެ ފަރާތާއި ވާހަކަ ދައްކަައި ތަހުގީގު ކުރުމަށް ފަހު މާޗު 2، 2025 އިން ފެށިގެން މި ކުންފުނިން އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ހިދުމަތެއް [އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު] ވަނީ ދާއިމީ ގޮތެއްގައި ކަނޑައިލެވިފަ އެވެ،" އަވަސްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ޑްރައިވަރުގެ މައްސަލަ ފުލުހުންނަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
"މި ހިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި މިފަދަ އަމަލުތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރަމެވެ،" އަވަސްގެ ބަޔާނުގައި ބުންޏެވެ.
އަވަސްއިންވަނީ ބޭއަދަބީކޮށް ވާހަކަދެއްކި ޑްރައިވަރުގެ އަމަލުތަކަށް މައާފަށް އެދުމާއެކު، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އަމަލުތައް ހިންގާ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.