ENGLISH
21 އޭޕްރީލު 2025
ޖޭއެސްސީން މައްސަލަތައް ބަލަންފެށުމުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
04 މާރިޗު 2025
|
ހުސްނުއްސުއޫދު-- ފޮޓޯ: ސަން އޮންލައިން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަަލްއުސްތާޛު ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިއުފާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއަކުންނެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބަަންޑާރަނައިބުގެ މަގާމުވެސް އަދާކުރެއްވި ހުސްނުއްސުއޫދަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެކެވެ. އޭނާ އަބަދުވެސް މަސައްކަތްކުރެއްވީ އިދިކޮޅު އެމްޑީޕީއާއެކުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2019 ވަނަ އަހަރު ސުއޫދު އައްޔަންކުރެވުނުއިރު، އޭނާއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެއިރުގެ އިދިކޮޅު ކެންޑިޑޭޓު އަދި އެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމުގައި އިސްސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އެހައި ދުވަހު ސިޔާސީ ކަަންކަމުގައި އުޅުއްވި ބޭފުޅަކު ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓަށް އައްޔަންކުރުމަކީ އެ ކޯޓުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއްގެ ގޮތުގައި އެއިރުވެސް ގިނަ ބަޔަކު އައީ ފާހަގަކުރަމުންނެވެ.
އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ތަހުގީގުކުރަން ފެށުމާއެކު، އެކަން ޖުޑީޝަަަލް ސާވިސް ކޮމިޝަނަށް އޭސީސީން އެންގުމުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޭނާ ސަސްޕެންޑުކުރެވުނެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކާއި ސުއޫދު ހިމެނޭހެން ތިން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުވާ ފަނޑިޔާރުންގެ ސުލޫކާ ޚިލާފުވުމުގެ މައްސަލަތަކެއް ޖޭއެސްސީން އަަންނަނީ ބަލަމުންނެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ރ)އާ ހަވާލާދެއްވާފައިވާއިރު، ގާނޫނުއަސާސީގައި 144 ވަނަ މާއްދާގެ (ރ)އެއް ނޯވެއެވެ. އޭނާގެ އިސްތިއުފާގެ ސިޓީ އާންމުވުމާ ގުޅިގެން، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު މުހިއްމު ސިޓީއެއްގައި ގާނޫނުއަސާސީގައި ނުވެސް ނެތް މާއްދާއަކާ ހަވާލާދެއްވުމުން ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކުރަމުންނެވެ.
ސުއޫދު މަގާމުން އިސްތިއުފާދެއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތިއްބެވީ ޖޭއެސްސީން ސަސްޕެންޑުކޮށްފައެވެ.