ENGLISH

21 އޭޕްރީލު 2025

Advertisement

އިތުރު 10 ޓަނުގެ ކަދުރު ސައުދީން ރާއްޖެއަށް ހަދިޔާކޮށްފި

04 މާރިޗު 2025

|

ޢަލީ ޝަހީމް

ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ. 

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސައުދީން އެންމެ ފުރަތަމަ ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައިފައެވެ. ދެވަނަ ފަހަރަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރީ އާދީއްތަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކުރީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ކަމަށެވެ. 

ސައުދީން ހަދިޔާކުރި ކަދުރާ ރާއްޖޭން ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

ސައުދީން ކަދުރު ހަދިޔާކުރުމުން، މިނިސްޓަރ ޑރ. ޝަހީމް ވަނީ ސައުދީގެ އެ ވުޒާރާއަށް ޝުކުރުއަދާކުރައްވާފައެވެ. 

ސައުދީން އެންމެ ފުރަތަމަ ރާއްޖެއަށް 50 ޓަނުގެ ކަދުރު (25000 ޕަކެޓް) ހަދިޔާކުރީ މިދިޔަ ޖަނަވަރީ މަހުއެވެ. އެ ކަދުރުތައް ވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން މާލެ ސަރަޙައްދުގައި ބަހައިފައެވެ. ރަށްރަށުގައި ކަދުރު ބެހުމުގެ އިންތިޒާމުތައް ހަމަޖެއްސީ ކައުންސިލްތަކުންނެވެ. 

ރާއްޖެއަށް މިއަހަރު ލިބުނު ކަދުރުގެ ތެރެއިން ގޭގެއަށް ދިނުމުގެ އިތުރުން، ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ ރޯދަ ވީއްލުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ޖަމިއްޔާތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެއްސިއެވެ. އެގޮތުން، އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި ނަން ނޯޓު ކުރުމުން އެ ޖަމިއްޔާތަކަށް ކަދުރު ވަނީ ދޫކޮށްފައެެވެ. 

ސައުދީން ފަހުން ހަދިޔާކުރި 10 ޓަނުގެ ކަދުރުވެސް ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު