ENGLISH
21 އޭޕްރީލު 2025
ޖަނަވަރީގެ އިމްޕޯޓު 5.2 ބިލިއަނަށް، އެކްސްޕޯޓު 144 މިލިއަން ރުފިޔާއަށް
03 މާރިޗު 2025
|
ޖަނަވަަރީ މަހު ކަސްޓަމަށް އާމްދަނީގެ ގޮތުގައި 287 މިލިއަން ރުފިޔާ ލިބުނު، ފޮޓޯ: ކެޓޮލޮގް މާކެޓް
ފާއިތުވި ޖަނަވަަރީ މަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު އެ މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައިވަނީ 144 މިލިއަން ރުފިޔާގެ މުދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު ތެލުގެ ބާވަތްތައް ހިމެނޭ ގޮތަށް ޖުމްލަ 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓުކުރިއިރު، ތެލުގެ ބާވަތްތައް ނުހިމަނައި އިމްޕޯޓުކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.
ޖަނަވަރީ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އަވައްޓެރި އިންޑިޔާއާއި ޗައިނާއިންނެވެ. އެގޮތުން އިންޑިޔާއިން 51.04 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު ޗައިނާއިން އިމްޕޯޓުކޮށްފަައިވަނީ 1.043 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެކުވެރި އަރަބި އިމާރާތުން އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފަައިވެއެވެ.
އެހެންކަމުން ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ 60 އިންސައްތަ މުދާ އިމްޕޯޓުކޮށްފައިވަނީ އެ ތިން ގައުމުންނެވެ.
ރާއްޖެއިން އެކްސްޕޯޓުކުރި ގައުމުތަކަށް ބަލާއިރު އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެގައުމަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު ދެވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރީ އިނގިރޭސިވިލާތަށެވެ. އެގައުމަށް އެކްސްޕޯޓުކުރީ 25 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. 73 މިލިއަން ރުފިޔަގެ ފިނިކުރި ކަޅުބިލަމަސް ބޭރުކޮށްފައިވާއިރު ދެން އެންމެ ގިނައިން ބޭރުކުރީ ދަޅުގައި ބަންދުކޮށްފައިވާ މަހެވެ. 29 މިލިއަން ރުފިޔާގެ ދަޅުމަސް ރާއްޖެއިން ބޭރުކުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. ތިންވަނައަށް އެންމެ ގިނައިން ބޭރުކުރީ ގަނޑުކުރި ކަންނެއްޔެވެ. 15 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ރާއްޖެއިން ބޭރުކޮށްފައިވެއެވެ.
އިމްޕޯޓުކުރި ބާވަތްތަކށް ބަލާއިރު އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކާބޯތަކެއްޗާއި މެޝިނަރީއާއި މެޝިނރީގެ އެޕްލައިންސް އަދި އިލެކްޓްރޯނިކްސް ސާމާނެވެ. މި ދެބާވަތުންވެސް 960 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އިމްޕޯޓުކުރީ ތެލެވެ. ޑީސަލާއި، ޕެޓްރޯލާއި ޖެޓު ފިއުލް ހިމެނޭހެން 728 މިލިއަން ރުފިޔާގެ ތެޔޮ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.
ޖަނަވަރީ މަހު އެކި ގޮތްގަޮތުން ކަސްޓަމަށް 287 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ރޯޔަލްޓީސްގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބުނެވެ.