ENGLISH
21 އޭޕްރީލު 2025
މިއަހަރުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާ ބާއްވައިފި
03 މާރިޗު 2025
|
އިޙްޔާ ފޯރަމްގެ ޖަލްސާގައި ޑރ.ޝަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ރޯދަމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުން ގިނަ ދިވެހީންތަކެއް އެންމެ ޝައުޤުވެރިކަމާއެކު އިންތިޒާރުކުރާ އެއްކަމަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވާ އިޙްޔާ ފޯރަމްކަން ޔަޤީނެވެ. އެގޮތުން މިޞްރު ފަދަ ޤައުމުތަކުން ޢިލްމުވެރީން ގެނެސްގެން ތަރުޖަމާނެއްގެ އެހީގައި ކުރިއަށް ގެންދިޔަ ފޯރަމްތަކުން މިހާރު ފެނިގެންދަނީ ހުސް ދިވެހި ޢިލްމުވެރީންކަން މިއީ ރާއްޖޭގައި އިސްލާމީ ޢިލްމު ފެތުރިފައިވާ މިންވަރުގެ އަލިގަދަ ރަމްޒެކެވެ. މީގެ އިތުރުން މިހާރު މިވަނީ ފޯރަމްގެ ތެރެއިން މަދަރުސާތަކުގެ ދަރިވަރުންގެ ޝައުޤުވެރި އެކި ޙަރަކާތްކުގެ ޛަރީޢާއިންވެސް އަގުހުރި ދީނީ އެތައް ފިލާވަޅެއް އަޅުގަނޑުމެންނާ ހަމައަށް ފޯރަން ފަށާފައެވެ.
މިއަހަރުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާވެސް ވެގެންދިޔައީ އެތަކެއް ދަރުސްތަކެއް ލިއްބައިދިން، ޝައުގުވެރި ޖަލްސާއަކަށެވެ. "ހެޔޮ ގޮތުގައި މުދާ ހޯދުމާއި މުދާ ބޭނުންކުރުން" މި މައުޟޫގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އަގުހުރި އެތަކެއް ވާހަކަތަކެއް ހިއްސާކުރައްވާފައެވެ.
އެ ގޮތުން އެމަނިކުފާނުގެ ވާހަކަކޮޅު ފައްޓަވަމުން ވިދާޅުވެފައިވަނީ ﷲ ތަޢާލާ އަހަރުމެން އިންސާނުންނަށް ދެއްވާފައިވާ އެންމެ މުހިންމު އެއް އަމާނާތަކީ މުދަލުގެ އަމާނާތް ކަމަށާއި، އެ އާމާނާތް ކޮންމެހެންވެސް އަދާކުރަން ޖެހޭނެކަމަށެވެ. ނޫރު ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ މާނައީ: "އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!"
އެމަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދަވަމުން ކީރިތި ޤުރުއާނުން ދަލީލު ދައްކަވައި މިމުދާ ހޭދަކުރަންވީ ކޮން ބަޔަކަށްކަންވެސް ވިދާޅުވެދެއްވާފައިވެއެވެ. ބަޤަރާ ސޫރަތުގެ 215 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. يَسْأَلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَا أَنفَقْتُم مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ ﴿٢١٥﴾ މާނައީ: "މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللَّه މޮޅަށް ދެނެވޮޑިގެންވެއެވެ."
މިއާޔަތުގައި ވާފަދައިން މައިންބަފައިންނަށް ހޭދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ.ޝަހީމް އަލިއަޅުއްވާލެއްވިއެވެ. އަދި އެކަމުގެ މައްޗަށް ނަބަވީ އިރުޝާދުން ދަލީލު ދެއްކެވިއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. أنْتَ وَمَالُكَ لأَبِيكَ (إبن ماجه) މާނައީ: "ތިބާ އާއި ތިބާގެ މުދާ މިލްކުގެވެންވަނީ ތިބާގެ ބައްޕައަށެވެ."
ޑރ.ޝަހީމްގެ ވާހަކައިގާ އިތުރަށްވަނީ ޞާލިޙު ދަރީންގެ މުހިންމުކަމުގެ މައްޗަށާއި، އޭގެ ސަބަބުން ލިބޭނެ ވަރަށް މުހިންމު ފައިދާއެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. إِذا مَاتَ ابنُ آدم انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أو عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ.( رَوَاهُ مُسْلِمٌ) މާނައީ: "އާދަމުގެ ދަރިޔާ މަރުވުމުން ތިން ކަމަކުން މެނުވީ އޭނާއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އޭގެ ފައިދާ ދެމިގެންދާ ޞަދަޤާތެކެވެ. ނުވަތަ އޭގެން ފައިދާކުރާނެ ޢިލްމެކެވެ. ނުވަތަ އޭނާއަށް ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ."
މިމޭރުމުން ވާހަކަ ދައްކަވަމުން ޑރ.ޝަހީމް އިތުރަށް ވިދާޅުވީ، ޞާލިޙު ކޮންމެ ދަރިއަކީ ތިބާއަށް ދުޢާކޮށްދޭނެ ދަރިއަކަށް ނުވެދާނެ ކަމަށެވެ. އެގޮތުން ފަރުޟު އަޅުކަންތަކުގެ އިތުރުން ޢުމްރާވުން ފަދަ ސުންނަތް ބައިވަރު އަޅުކަންތައް އަދާކުރާ ދަރިއެއްގެ މައިންބަފައިންނަށް ދުޢާކުރަން ހަނދައިން ނުވާ ދަރިއަކުވެސް ހުރެދާނެ ކަމަށާއި، ހަމައެކަނި ފަރުޟު އަޅުކަންތައް އަދާކުރެވޭ ދަރިއަކު، އޭނާ އަބަދުމެ އޭނާގެ މައިންބަފައިންނަށް ދުޢާކުރުން މަތީ ހުރެދާނެ ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
އެއަށްފަހު، ޒަކާތްނެރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ވާހަކަދެއްކެވިއެވެ. ﷲ ތަޢާލާ، މުއުމިނޫން ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾ މާނައީ: " އަދި އެއުރެންނީ، زكاة ދޭމީހުންނެވެ."
ޒަކާތުގެ ދެ ބާވަތެއް ވާކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ. އެއީ، ރަމަޟާން މަހުގެ ރޯދައާއި ގުޅިގެން ދޭ ފިޠުރު ޒަކާތާއި، ވަކި ޝަރުޠުތަކެއް ފުރިހަމަވެފައިވާ، ވަކި ނިޞާބެއް ހަމަވެފައިވާ މުދަލުން ދެވޭ މުދަލު ޒަކާތެވެ. ޑރ. ޝަހީމް ވިދާޅުވީ ހަމައެކަނި ފިޠުރު ޒަކާތް ނެރުމުން މުދަލު ޒަކާތްވެސް ނެރެވުނީކަމަށް ހީކުރާ މީހުން އުޅޭ ކަމަށާއި ނަމަވެސް އެއީ ގޯސް ވިސްނުމެއް ކަމަށެވެ.
ޑރ.ޝަހީމް ދެން ބަލާލެއްވީ މުދަލުން ހޭދަކޮށް އުޅޭ ޙަރާމް ގޮތްތަކަށެވެ. އެގޮތުން ރިބާ އާއި ރިޝްވަތުގެ ވާހަކައިގެ އިތުރުން، ވިޔަފާރީގައި މަކަރުހެދުމާއި އޮޅުވާލުމުގެ ވާހަކަ ފާހަގަކުރެއްވިއެވެ. އެގޮތުން، ރިބާ ޙަރާމް ކުރައްވާފައިވާ ކަމަށާއި ނަމަވެސް ޙަލާލު ކޮންމެ ވިޔަފާރިއެއްވެސް ހުއްދަ ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.
وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ
މާނައީ: " (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ."
ރިޝްވަތާއި ބެހޭގޮތުން ޑރ.ޝަހީމް ވިދާޅުވީ، ރިޝްވަތުދޭ މީހާއަށާއި، އޭގައި ހިފާ މީހާއަށާއި އެ މުޢާމަލާތުގެ މެދުވެރިއަކަށް ހުންނަ މީހާއަށް ﷲ ތަޢާލާ ލަޢުނަތް ލައްވާނެކަމަށް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވާކަމަށެވެ.
މީގެ އިތުރުން ވިޔަފާރީގަ މަކަރުހެދުމުގެ ނުބައިކަމާ ބެހޭގޮތުން ޑރ.ޝަހީމް ވިދާޅުވީ މިކަމަކީ ކީރިތި ޤުރްއާނުގައި މިކަން ކުރާ މީހުނަށް ﷲ ތަޢާލާ ލަޢުނަތް ލައްވާފައިވާ ކަމެއް ކަމަށެވެ. މުޠައްފިފީން ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން ހަވަނަ އާޔަތުގެ ނިޔަލަށް ވަޙީކުރައްވާފައި ވެއެވެ. وَيْلٌ لِّلْمُطَفِّفِينَ ﴿١﴾ الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ ﴿٢﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ﴿٦﴾ މާނައީ: " މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ."
ޑރ.ޝަހީމް ވަނީ، ކަހަފް ސޫރަތުގައި ބަޔާން ކުރައްވާފައިވާ ދަހި މުއްސަނދި މީހެއްގެ މުދާތައް ނެތިދިޔަ ގޮތާއި، ޤާރޫނު ހަލާކުކުރެއްވި ގޮތުގެ ވާހަކަތަކަށް ބައްލަވާލައްވާފައެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ ޤިޔާމަތް ދުވަހުން ހަތަރު ކަމަކާމެދު ސުވާލު ކުރައްވާފައި ނޫނީ މީހާ ހުރި ތަނުން ގުޑާ ނުލެވޭނެ ކަމެވެ. އެއީ: މީހާގެ ޢުމުރު ހޭދަކުރި ގޮތާއި، މީހާގެ ޒުވާން ދުވަސްވަރު ހޭދަކުރި ގޮތާއި، އޭނާ މުދާ ހޯދާ، މުދާ ހޭދަކުރި ގޮތާއި، ﷲ އޭނާއަށް ދެއްވި ޢިލްމާމެދު ކަންތައްކުރި ގޮތާމެދުގައެވެ.
ޑރ.ޝަހީމްގެ ވާހަކަކޮޅު ނިންމާލެއްވީ ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ނަފްސުތައް އިޞްލާޙުކޮށް، ޢަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަށް ﷲ ދެއްވި ތަކެތިން ހޭދަކުރުމުގެ ތައުފީޤު ދެއްވާ، މިފުރުޞަތުގެ ބޭނުން ހިފުމުގެ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.