ENGLISH

21 އޭޕްރީލު 2025

Advertisement

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް، އިހުމާލުވާނަމަ ޖޫރިމަނާކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

03 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: ނިޝާން އަލީ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އިހުމާލުވާ ފަރާތްތައް، ޖޫރިމަނާކުރެވޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ.  

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ހުށަހެޅުމުގެ މަގުސަދެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައިވަނީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ކަމަށެވެ. 

ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް މި ބިލުގައި ވާގޮތުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

މިބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވަނީ ބަޔާންކުރައްވާފައެވެ.

ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް

އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ ވެސް ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަވެސް ޖޫރިމަނާކުރެވޭނެ ކަމަށް މިބިލުގައި ވެއެވެ. މިއީ މިހާރުވެސް ގިނަބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން، އޮޅުކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތައް، ހާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާކަމުގެ ޝަކުވާގިނައެވެ.

މިބިލުގެ ސަބަބުން ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިވެގެންދާނެކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު