ENGLISH
21 އޭޕްރީލު 2025
އެމްޑަބްލިޔުއެސްސީގެ ތާރީޚީ ބޮޑު ތިން މަސައްކަތް ނިމުމާ ގާތަށް!
03 މާރިޗު 2025
|
އެމްޑަބިލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން. --ފޮޓޯ:އެމްއެމް
މާލޭ ވޯޓާރ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއު) އިން ކުރަމުންދާ ތާރީޚީ ބޮޑު ތިން މަސައްކަތެއް ނިމުމަކާ ހަމައަށް ހިނގައްޖެ އެވެ.
އެމްޑަބިލިއުއެސްސީން މި ވަގުތު ކުރަމުންދާ އެއް މަސައްކަތަކީ މާލޭގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތާއި ފެން ރައްކާކުރެވޭ މިންވަރު މިހާރަށް ވުރެ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ހުޅުމާލެ އާއި މާލޭ ދެމެދު ފެނުގެ ވިއުގަ ޤާއިމުކުރުމަށް ކުރާ މަސައްކަތެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން އިތުރުކުރަން ހިޓާޗީއާއެކު ފެށި މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"ހިޓާޗީ އާ އެ މަސައްކަތް އެވަނީ ހަވާލުކުރެވި. އެ މަސައްކަތް މި އަހަރު އޮގަސްޓް ހިސާބުގައި ނިންމާލެވޭނެ. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އެއީ މިހާރު ހުރި ފެން އުފެއްދުމުގެ ގާބިލުކަން 30 އިންސައްތައަށް އިތުރުވެގެންދާނެ،" މަތީން ވިދާޅުވި އެވެ.
މާލޭގައި ފެން ރާއްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރުމުގެ ޕްލޭންތަކުގެ ވާހަކަ ދެއްކި ނަމަވެސް މިހާތަނަށް އޮތީ އަމަލީ ގޮތުން މަސައްކަތް ނުފެށި އެވެ. ފެން ރައްކާކުރުމަށްޓަކައި ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭނެ ތާނގިތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް ވެސް މަހެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށް މަތީން ވިދާޅުވި އެވެ. އެ މަސަކަތް ނިމުމުން ހުޅުމާލޭގައި ފެން ރައްކާކުރުމުގެ ކެޕޭސިޓީ މިހާރު ހުރި ވަރަށް ވުރެ 90 އިންސައްތަ އިތުރުވެގެން ދާނެ އެވެ.
މާލޭގައި ހުރި "މުސްކުޅި ތާނގި"ތަކުގެ ބަދަލުގައި އާ ތާނގިތައް ހަދައި ފެން ރައްކާކުރެވޭ އަދަދު އިތުރުކުރުމަށް 13000 ޓަނުގެ ދެ ތާނގި ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރެވޭނެ ތާނގިތަކުގެ މަސަކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭއިރު އެއާއެކު މާލޭގައި ފެން ރައްކާކުރެވޭ އަދަދު ދެގުނަ ވެގެންދާނެ އެވެ.
"އެހެންވީމަ ޖުމްލަ ގޮތެއްގައި މިހާރު މިހުރި ސްޖޯރޭޖު ކެޕޭސިޓީ ދެ ގުނަވާނެ އަޅުގަނޑުމެންގެ މި މަސައްކަތް ނިމުނީމަ. އަޅުގަނޑު ގަބޫލު ކުރަނީ ޑރ. މުއިއްޒުގެ ސަރުކާރުގައި މާލޭގެ ފެނުގެ މައްސަލައަށް ވަރަށް ބޮޑު ކުރިއެރުމެކޭ ލިބިގެން މިދަނީ. ވޭތިވެދިޔަ ވިއްސަކަށް އަހަރުވެސް ނާންނަވަރުގެ ކުރިއެރުމެއް،" މަތީން ވިދާޅުވި އެވެ.
މާލެއަށް ފެންދަތިވާ ހާލަތެއްގައި ވެސް ފެން އުފުލުން ނޫން ގޮތެއް ނޯންނައިރު އެކަން ހައްލުކުރުމަށްޓަކައި ހުޅުމާލެ އާއި މާލެ ބުރިޖުގައި ހޮޅި އަޅައިގެން ގުޅާލާ ނިޒާމްގެ މަސައްކަތް ވެސް ހުއްޓިފައި އޮތުމަށްފަހު މިހާރު ފަށައިގެން ދަނީ ބާރަށް ކުރިއަށެވެ. އެ މަސައްކަތަކީ 2016 ވަނަ އަހަރު ފެށި މަސައްކަތެކެވެ.
"ކަނެކްޝަން ނުހެދި އެ ދިޔައީ އަހަރުތަކެއް. ދިހަ ވަރަކަށް އަހަރު އެދިޔައީ އެކަން ނުވެ. އިރާދަކުރެއްވިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގައި، އެމަނިކުފާނުގެ ރިޔާސަތުގައި އެ މަސައްކަތް ނިންމަވާފައި އެ ހިދުމަތްދޭނެ، އެ މަސައްކަތް އެ ނިމެނީ،" މަތީން ވިދާޅުވި އެވެ.