ENGLISH

21 އޭޕްރީލު 2025

Advertisement

އާރުޓީއެލްގެ ނަމުގައި ބޮޑު ސްކޭމެއް!

03 މާރިޗު 2025

|

ޝަރާ އަބްދުﷲ

އެމްޓީސީސީގެ އާރުޓީއެލް ސްޕީޑް ފެރީއެއް.-- ފޮޓޯ: މިހާރު

އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީއިން އިލްތިމާސްކޮށްފިއެވެ.  

މިއަދު އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސޯޝަކް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެ، އެކުންފުނީގެ ދަށުން ހިންގަމުން އަންނަ އާރުޓީއެލްގެ ނަމުގައި މިފަދަ ކަމެއް ހިންގަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

" މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް "ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސްދުވަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް "ވިއްކުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. އެ ފޭސްބުކް ޕޭޖުގައި ހިންގަމުން ގެންދާ އެއްވެސް އަމަލަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ އެއްވެސް ގުޅުމެއް ނެތް އަމަލެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އާ ހިދުމަތެއް ތައާރަފުކުރާނަމަ އެ ކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

ސްކޭމްތައް އާންމުވެފައިވާއިރު އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ މި ކަހަލަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

ސޯޝަލް މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އޮޅުވައިލައިގެން އަތުން ނަހަމަ ގޮތުގައި ފައިސާ ހޯދުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު