ENGLISH
21 އޭޕްރީލު 2025
ރޯދަ މަހު މަގުތަކުގެ ބާރު ބޮޑުވާތީ ފުލުހުންގެ ޚާއްސަ ޓްރެފިކް ފްލޯއެއް
03 މާރިޗު 2025
|
ފޮޓޯ: އެމްއެމްޓީވީ
ފާއިތުވި އަހަރުތަކުގެ ރަމަޟާން މަހާ ޚިލާފަށް މި ރަމަޟާން މަސް ދިމާވަނީ ސްކޫލު ބޮޑު ޗުއްޓީއާ ކަމުން މާލޭގެ މަގުތަކުގައި ބާރުބޮޑުވާނެ ކަމަށާއި، އެކަމަށް ޚާއްސަކޮށްގެން މި މަހަށް ވަކިން ޚާއްސަ ތަރުތީބެއް ގެންގުޅެމުންދާ ކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ ތަލްހަތު ވިދާޅުވީ މާލޭގެ ވަކިވަކި މަގުތަކުގައި ބާރުބޮޑުވާނެ ގަޑިތަކަށް ސަމާލުކަންދީގެން ޓްރެފިކް އޮޕަރޭޓްކުރަމުންދާ ކަމަށެވެ. އެގޮތުން މަޖީދީމަގު، ބާޒާރުމަތި، ބޮޑުތަކުރުފާނުމަގު، ހައިވޭ އަދި ހުޅުމާލެ ބޮޑެތި މަގުތަކުގައި އެކި ގަޑިތަކަށް ޚާއްސަކޮށް ޓްރެފިކް ބާރުބޮޑުވާކަމަށް އިންސްޕެކްޓަރ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަގުތަކުގައި ޓްރެފިކްގެ ގިނަ ހާދިސާތައް ހިނގާ އެއްގަޑިއަކީ ހަވީރު 4:00 ގެ ފަހުން ކަމަށެވެ. ހަމައެހެންމެ ގޯޅި އެޅުމުގައި ސަމާލުކަން ނުދިނުމާއި، ލޭނުގައި ނުދުއްވުމާއި ކުއްލިއަކަށް މަޑުކުރުމުގެ ސަބަބުން ވެސް ހާދިސާތައް ދިމާވާކަމަށް އިންސްޕެކްޓަރ ފާހަގަކުރެއްވިއެވެ.
"އެކަމަކު އަބަދުވެސް މި ފާހަގަކުރެވޭ ކަމަކީ ކުއްލިއަކަށް ދެ ރައްޓެހިން ބައްދަލުވެގެން ވާހަކަދައްކަން މަގުގަ އެބަ ތިބެވޭ. އެކަމާ ގުޅިގެން ދެން އަންނަ މީހުންވެސް މި އަންނަނީ ވާހަކަ ދައްކަމުން. އެކަމާ ގުޅިގެން މަގުމަތީގަ ކުރަން ނުޖެހޭ ދެ ކަމެއްކުރަން އެއްބަޔަކު އުޅުމުން މި ހާދިސާތައް މި ދިމާވަނީ، " - އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހްމަދު
މީގެއިތުރުން ހެޑް އޮފް ހުޅުމާލެ ޓްރެފިކް އޮޕަރޭޝަން އިސްމާއިލް ރަފީއު ވިދާޅުވީ ހުޅުމާލޭގައި ފެންބޮޑުވާ ސަރަހައްދެއް ކަމަށް ފާހަގަކުރެވެނީ ރަބަރުގަސް މަގު ކަމަށާއި، ވިއްސާރަވާ ނަމަ ދުރާލައި ފުލުހުން މިކަމަށް ތައްޔާރުވާ ކަމަށެވެ. އެގޮތުން މި ފަހުން ކުރި ވިއްސާރައިގައި ވެސް 7 ގެ އަކާއި 14 ފިހާރައެއްގައި ވެލިބަސްތާ ޖަހައިދީފައިވާ ކަމަށް އިސްމާއިލް ރަފީއު ވިދާޅުވިއެވެ.
ރަމަޟާން މަހާ ގުޅިގެން ހުޅުމާލޭގައި ކާރޫބާރުބޮޑުވުން ހައްލުކުރުމަށްޓަކައި، މިސްކިތްތައް ހުންނަ ސަރަހައްދުތަކުގައި ސައިކަލު ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ރަފީއު ވިދާޅުވިއެވެ. އަދި ރަޖިސްޓްރީ ނަންބަރު ނުޖަހައި ނުވަތަ އިންޖީނެއް ނެތި މަގުމައްޗަށް ދޫކޮށްލެވިފައިހުރި ވެހިކަލްތައް ނަގާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އޭގެ އިތުރުން، މިހާރު ހުޅުމާލޭގެ މަގުތަކަކީ ފުދޭވަރަކަށް ކާރުބާރުބޮޑު ނުވަތަ ޕާކިންގ ނިޒާމް ގެއްލިފަ އޮތް ތަނެއްގޮތުގަ މި ފާހަގަކުރެވެނީ، ވަރަށް ގިނަ އަދަދެއްގެ ހަތަރު ފުރޮޅު އަދި ދެ ފުރޮޅުލީ އުޅަނދުވެސް މަގުމަތީގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގު ހަނިވެފަ ހުރިކަން ފާހަގަކުރެވޭ، " - ހެޑް އޮފް ހުޅުމާލެ ޓްރެފިކް އޮޕަރޭޝަން އިސްމާއިލް ރަފީއު
ނަމަވެސް މާލެއާ އަޅައި ބަލާއިރު ހުޅުމާލޭ މަގުތަކަކީ ފުޅާ މަގުތަކެއް ކަމުން މާ ބޮޑު އުނދަގޫކަމެއް ފާހަގަނުކުރެވޭ ކަމަށް ވެސް ރަފީއު ވިދާޅުވިއެވެ.