ENGLISH
21 އޭޕްރީލު 2025
ޗައިނާއިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެ
03 މާރިޗު 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޗައިނާއިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ކުޑޫ) ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މެންބަރު އިބްރާހީމް ސުވާލުކުރައްވާފައިވަނީ ޗައިނާއާއެކު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ޑިއުޓީއަކާ ނުލައި ޗައިނާއިން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނެތޯއާއި، އެކަމުގެ ސަބަބުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީއަށް ކުރާނެ އަސަރާ ގުޅޭ ގޮތުންނެވެ.
އެސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަަތްތަކުން ޑިއުޓީ ނަގާނެ ކަމަށެވެ. އަދި އެފްޓީއޭގައި ޑިއުޓީ ކުޑަކޮށް ނުވަތަ ނުނަގާ ގޮތަށް ހިމަނާފައިވާ ބާވަތްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ނުހިމެނޭކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އަދި ޗައިނާއިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ދުންފަތުގެ ބާވަތްތަކާއި ސިނގިރެޓު އެތެރެކުރާ މިންވަރެއްގެ މައްޗަށް ކަމުގައި ސައީދުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.
"ޗައިނާއާއެކު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރެޓުން ޑިއުޓީ ނަގައެވެ. ދުންފަތުގެ ބާވަތްތަކައި ސިނގިރެޓުގެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ސިނގިރެޓު އެތެރެކުރާ މިންވަރެއްގެ މައްޗަށެވެ. " - މިނިސްޓަރު މުހައްމަދު ސައީދު
ޗައިނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރިފަހުން އެ އެއްބަސްވުމަށް އަމަލުނުކޮށް ބާއްވާފައި އޮއްވައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މި ސަރުކާރުންނެވެ.
އެ އެއްބަސްވުމަށް މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނައިރު، އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ޗައިނާއަށް ގިނަ ބާވަތްތަކެއް ބޭރުކުރުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ސީފުޑުގެ ގިނަ ބާވަތްތަކެއް ރާއްޖެއަށް އެތެރެކޮށް އަގު އިތުރުކުރުމަށްފަހު ޗައިނާއަށް އެކްސްޕޯޓުކުރެވޭނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރަށް އިގުތިސާދީ ގޮތުން މުހިއްމު ބައެއް ސިނާއަތްތަކަށް ބޭނުންވާ މުދާ ޗައިނާއިން ޑިއުޓީއަކާ ނުލައި ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތުވެސް އެ އެއްބަސްވުމުގެ ދަށުން ލިބޭނެއެވެ.