ENGLISH

12 ޖުލައި 2025

Advertisement

އައްޑޫ ބްރިޖުގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީ

03 މާރިޗު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އައްޑޫސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

މާލީ ވުޒާރާއިން ކުރި އިއުލާނުގައި ބުނީ އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފާރމެއް ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ.

މިގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 24 އާ ހަމައަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި އަހަރު ތެރޭ ބުރިޖުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދަވާނެކަން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުވަނީ ވަރަށް އަވަހަށް ފަންނަނީ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯއްދަވާނެ ކަމުގައި އިއުލާނުކުރައްވާފައެވެ. 

އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ކުންފުންޏެއްކަމަށްވާ "ދި އަރަބް ކޮންޓްރެކްޓަރސް"އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ ޢަމާޒަކީ މިދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.

އައްޑޫގައި އަޅާ ބްރިޖް ވެގެން ދާނީ ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެބްރިޖުގެ ދިގު މިނުގައި ގާތްގަނޑަކަށް 15 ކިލޯ މީޓަރު ހުންނާނެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަަކާ ހުޅުދޫ-މީދޫ ގުޅުވައިލުމަށް ބުރިޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ބުރިޖު މަސައްކަތް ހިންގަވައިދެއްވަން ވައުދުވެވަޑައިގެންފަައިވެއެވެ. 

އައްޑޫ ބުރިޖުވާނީ މާލޭ ސަރަހައްދުން ބޭރުގައި ދިވެހި ސަރުކާރަކުން ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަށެވެ. މި މަޝްރޫއު ނިމުމުން އައްޑޫގައި އިގުތިސާދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު