ENGLISH

21 އޭޕްރީލު 2025

Advertisement

"ހުވަން" ލޯންޗު އަޑިއަށްދިޔަ ހާދިސާ: ސީޕީގެ ޝުކުރު ފުލުހުންނަށް

02 މާރިޗު 2025

|

އަޙުމަދު ޙަމީދު

"ހުވަން" ލޯންޗު އަޑިޔަށްދިޔަ ހާދިސާ ގައި ފުލުހުން ހަރަކާތްތެރި ވަނީ

މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ޝުކުރު އަދާކުރައްވައިފި އެވެ. ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި  ތިން ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގައެވެ.

ކޮމިޝަރާ އެކު ޑެޕިއުޓީ ކޮމިޝަނަރުން ކަމުގައިވާ އިސްމާޢީލް ނަވީން އަދި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަކަށް ތައުރީފު ކުރެއްވި ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކޮމިޝަނާ ޝުޖާޢު ވިދާޅުވީ ޚާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވައި އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސް ކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ފާހަގަ ކުރެއްވި އެވެ.

މި އޮޕަރޭޝަންގެ ނާޒުކުކަން ފާހަގަކުރައްވައި، ޑެޕިއުޓީ ކޮމިޝަނާ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއް ކަމުގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން ވެސް ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވައި މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑާ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ހާދިސާގެ ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު