ENGLISH
21 އޭޕްރީލު 2025
ހުޅުމާލޭ ސަހަރާގައި ފެން ހެދި މީހުން ވަޅުލުން މެދުކަނޑާލައިފި
02 މާރިޗު 2025
|
ހުޅުމާލޭ ސަހަރާގައި ކަށްވަޅުގައި ފެން ހެދިފައި، ފޮޓޯ: ސިޓީ ކައުންސިލު
ހުޅުމާލޭގެ ސަހަރާގައި ފެން ހެދި މައްޔިތުން ވަޅުލުން މެދުކަނޑާލައިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިވަގުތަށް ހުޅުމާލޭ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށެވެ. އިތުރަށް ކައުންސިލުން ބުނީ ކަށްވަޅުގައި އަށް އިންޗިއާއި ނުވަ އިންޗިއާ ދެމެދުގައި ފެން ހެދިފައިވާ ކަމަށެވެ.
ހުޅުމާލޭ ސަހަރާގައި ފެން ހެދުމާ ގުޅިގެން މައްޔިތުން ވަޅުލުން މެދުކަނޑައިލަން ނިންމުމާއެކު، މިރޭ މަޣުރިބު ނަމާދަށްފަހު އެތަނުގައި ވަޅުލަން ނިންމާފައިވާ މައްޔިތާ ވަޅުލުން މާލޭގެ އާސަހަރާއަށް ބަދަލުކޮށްފައިވެއެވެ.
ހުޅުމާލޭ ސަހަރާގައި ފެން ހެދިފައިވަނީ ރޭ އިރުއޮއްސުނީއްސުރެ މިއަދުގެ ހެނދުނާ ހަމައަށް މެދުނުކެނޑި މާލޭ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރެއަށް ކުރި ބޯ ވިއްސާރައިގެ ސަބަބުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ހުޅުމާލެއަށް 124 މިލލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ހުޅުލެއަށް 89 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.