ENGLISH

21 އޭޕްރީލު 2025

Advertisement

ކުރީ އަހަރުތަކާ އަޅާބަލާއިރު މާލެ ސަރަހައްދުގެ މަގުތަކަށް ކުނި ނެރެފައިވާ މިންވަރު މަދު: ވެމްކޯ

02 މާރިޗު 2025

|

ޝާމަ ޝުޢައިބު

ވެމްކޯގެ ކުނިއުކާ ލޮރީތަކެއް-- ފޮޓޯ: އެމްއެމްޓީވީ

ކުރީ އަހަރުތަކާ އަޅާބަލާއިރު މާލެ ސަރަހައްދުގެ މަގުތަކަށް ކުނި ނެރެފައިވާ މިންވަރު ނިސްބަތުން މަދު ކަމަށް ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަން، ހުސައިން އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން ހުސައިން ވިދާޅުވީ ރަމަޟާން މަސް ފެށެން ދެތިން ދުވަހަށް ވުމުން ވެމްކޯއިން މާލޭގެ މަގުތައް އިންސްޕެކްޓްކޮށް، ބައެއް ކުނިތައް ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރު ހަމަ ވަރަށް ބޮޑަށް މަގުތަކުގަ ކުނި މަދު. އަޅުގަނޑުމެން ވެސް ރަމަޟާން މަސް ފެށެން ދެ ދުވަހަށް ވީމަ ކުޑަކޮށް ބަލާލައި، ބައެއް ކުނިތައް ނަގާލިން. އެކަމަކު އެހެން އަހަރުތަކާ ބަލާފަ ވަރަށް މަދު ހަމަ ކުނި. " -  ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަން، ހުސައިން އިބްރާހިމްފުޅު

ވެމްކޯއިން މިކަން ފާހަގަކޮށްފައިވާއިރު ރަމަޟާން މަހާ ގުޅިގެން، ގޭތެރެ ސާފުކުރުމަށް ފަހު މަގު މައްޗަށް ކުނި ނޭޅުމަށް އެ ކުންފުނީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އެގޮތުން ރަމަޟާން މަހުގެ ކުރިން ގޭތެރެ ސާފުކުރުމަށް ފަހު ކުނި ނައްތާލުމަށް ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް އެދިފައިވާއިރު ރަނގަޅަށް ކުނި ނައްތާލުމުން މަގުތައް ސާފުވެ، އެންމެންނަށް ދުޅަހެޔޮ މާހައުލެއް ލިބިގެންދާނެކަން ފާހަގަކޯށްފައިވެއެވެ.

ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް އެއްވެސް މީހަކު ކުނި ގެންގުޅުން ނުވަތަ ނައްތާލުމުގެ ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށާއި އެހެންވެ، އެ ޤާނޫނާ އެއްގޮތަށް ހުރިހާ އެންމެން ވެސް މަގުމައްޗަށް ކުނި އުކައިލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބާއްވަން ވެސް އިލްތިމާސްކޮށްފައިވެއެވެ.

ރޯދަ މަހާއި ދިމާކޮށް އާންމުކޮށް މާލޭގެ މަގުތައް ކުނިން ފުރާލައި ގޮނޑުކޮށްލައެވެ. މިދިޔަ އަހަރު ރޯދަ މުހަގައި ވެސް ވަނީ މިފަދަ މައްސަަތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު